މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނިމިދިޔަ ޖުލައި މަހު އާމްދަނީގެ ގޮތުގައި 3.41 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 0.2 ޕަސަންޓުގެ ކުރިއެރުމެކެވެ. ނަމަވެސް، މިއީ މިއަހަރުގެ ޖުލައި މަހު ލިބޭނެކަމަށް ކުރިން އަންދާޒާކުރި މިންވަރަށްވުރެ 3.6 ޕަސަންޓް ދަށް އަދަދެއްކަމަށް މީރާއިން ބުންޏެވެ.

އާމްދަނީ އިތުރުވުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިންކަމް ޓެކްސް، ބިން ވިއްކުމާއި، ބިން ބަދަލުކުރުމުގެ ފީ، .ޖީޖީ.އެސް.ޓީ އަދި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުން ހިމެނޭކަމަށް މީރާއިން ބުންޏެވެ.

އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވަނީ، ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓްތައް ދައްކާފައިވުމާއި، މި އަހަރުގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ކުރީ އަހަރަށްވުރެ އިތުރުވުމުންކަމަށް މީރާއިން ބުންޏެވެ.

މީގެ އިތުރުން، އާންމު ދާއިރާގެ ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވެފައިވަނީ ކުއާޓަލީ ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތްތަކުން ގަވާއިދުން ފައިސާ ދައްކާ ނިންމާފައިވާތީކަމަށް މީރާއިން ބުންޏެވެ.

އަންދާޒާކުރި މިންވަރަށްވުރެ އާމްދަނީ ދަށްވުމުގެ ސަބަބުތަކަށް ބަލާއިރު، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި ނަން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް މަދުވުން ހިމެނޭކަމަށް މީރާއިން ބުންޏެވެ. އިންކަމް ޓެކްސްގެ އާމްދަނީއަށް އަސަރުކުރީ ޓެކްސް ދެއްކުމުގެ ސުންގަޑި ބަންދު ދުވަހަކާ ދިމާވުމުން، އެ މުއްދަތު އޮގަސްޓް 2 އަށް އިތުރުކުރުމާ ގުޅިގެންކަމަށް މީރާއިން ބުންޏެވެ.

މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3.1 ޕސަންޓް ދަށްވެފައިވާ ކަމަށާއި، މިއީވެސް ޖުމްލަ އާމްދަނީގެ ތަފާސްހިސާބުތަކަށް ބަދަލު އައި އެއް ސަބަބުކަމަށް މީރާއިން ބުންޏެވެ.