ހައުސިން މިނިސްޓްރީ ހިމެނޭހެން ދެ މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި ޓިނު ބިލްޑިން އާއި އެ ތަނާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގައި ރޯވި އަލިފާނުގެ ހާދިސާއަކީ ބަޔަކު ހުޅުޖަހައިގެން ހިނގި ހާދިސާއެއް ނޫން ކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓ،ީ ލޭބާ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން ފިއްޓޭ ވިދާޅުވީ، ތިން މިނިސްޓްރީ އަނދައިގެންދިޔަ ހާދިސާއަށް އަންނަ ޑިސެމްބަރު މަހަށް ދެ އަހަރުވާނެ ކަމަށެވެ. މިދިޔަ އޭޕްރީލް މަހުގެ 23 ގައި ރައީސް އޮފީހުގައި ބޭއްވި ނިއުސްކޮންފަރެންސެއްގައި އެ ކަމުގެ ތަހުގީގު ނިމިފައިވާ ކަމަށާއި އަންނަ ހަފުތާގައި އެ މައުލޫމާތު ހާމަ ކުރައްވާނެ ކަމަށް މިނިސްޓަރު އޭރު ވިދާޅުވި ނަމަވެސް އެކަމުގެ މައުލޫމާތެއް މީޑިއާއަކުން ވެސް ހާމަކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެކަން ހިނގައި ދިޔައީ ކީއްވެތޯ އާއި އެކަމުގައި ލިބުނު ގެއްލުމަކީ ކޮބައިތޯ، ފިއްޓޭ ސުވާލު ކުރެއްވިއެވެ.

ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ފުލުހުންނާއި އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަމާ އެކު އެހާދިސާ ތަހުގީގުކޮށް ނިމިފައިވާ ކަމަށާއި އެ ހާދިސާ ހިނގީ ކަރަންޓް ވަޔަރުތަކެއްގައި ރޯވެގެން ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގި ވަގުތު އެތަނަށް ދިޔަ ފުލުހުންގެ ބޮޑީކެމްގެ ފުޓޭޖްތަކުން ވެސް އެކަން ސާބިތުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިސެމްބަރު، 2024 ގައި ހިނގި އަލިފާނުގެ ހާދިސާގައި، އެންވަޔަރުމެންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިން އާއި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް ހިންގާ ޓިނު ބިލްޑިން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.

އެހާދިސާއަށްފަހު، ތިން މިނިސްޓްރީ ވަގުތީ ގޮތުން މިހާރު ހިންގަނީ ދަރުބޭރުގޭގައެވެ.

ހައުސިން މިނިސްޓްރީގައި ރޯވި އަލިފާންގަނޑު ފެތުރި ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާގެ ތަހުގީގު ފުރަތަމަ ދުވަހު ވެސް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.