ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހުގެ ދެ އަހަރު ދުވަހުގެ ޑިޖިޓަލް ޓްރާންސްފޯމަޝަންގެ ސިޔާސަތު ކަމަށްވާ ޕީޖީއޯ 2.0 މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މި މަޝްރޫއަކީ ޒަމާނުއްސުރެ ކާރުދާހުގައި ކުރަމުން އައި މަސައްކަތް ޑިޖިޓަލް ނިޒާމަކަށް އެއްކޮށް ބަދަލުކުރުމަށް ފަށާފައިވާ މުހިއްމު މަޝްރޫއެކެވެ.
ޕީޖީއޯ 2.0 އިފްތިތާހުކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ޕީޖީ އޮފީހުން ބުނީ މި މަޝްރޫއުގެ ސަބަބުން އެ އޮފީހުން ފޯރުކޮށްދޭ ހިދުމަތްތައް ރައްޔިތުންނަށް އެއްތަނަކުން ފަސޭހަކަމާ އެކު، ދެފުށް ފެންނަ ހަރުދަނާ އުސޫލަކުން ލިބިގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއާއެކު ޓެކްނޮލަޖީގެ އެހީގައި މަސައްކަތުގެ ހުރަސްތައް ނައްތާލައި ޕްރޮސިކިއުޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް ޕީޖީން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ މި މަޝްރޫއުގެ ދަށުން އާޓިފިޝަލް އިންޓެލިޖެންޓްގެ އެހީގައި ޕްރޮސިކިއުޓަރުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ އިރު އޭއައިގެ އެހީގައި މައްސަލަތައް ދިރާސާކުރުމުގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުވެ، އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ހަލުވިވެގެންދާނެ ކަމަށެވެ. އަދި ހެކި ވަޒަންކުރުމާއި ގާނޫނީ ލިޔެކިޔުންތައް ތައްޔާރު ކުރުމުގައި ހޭދަވާ ވަގުތު ސަލާމަތްވެ، އެންމެ ފަހުގެ ނިންމުންތައް ނިންމާނީ އިންސާނުން ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
މި ރަސްމިއްޔާތުގައި ހެއްކާ ބެހޭ ގާނޫނުގެ މައްޗަށް ޕީޖީ އޮފީހުގެ އެކަޑަމީން ޝާއިއުކޮށްފައިވާ "އެވިޑެންސް އަ ޕްރެކްޓިޝަނާ ގައިޑް" ފޮތް އުއްތަމަ ފަނޑިޔާރު އަބްދުލް ގަނީ މުހައްމަދު ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ. އަދި އިިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާހުކޮށްދެއްވައިފައެވެ.
މި ރަސްމިއްޔާތުގައި ޕީޖީ އޮފީހުގެ ވާޗުއަލް ދޮރޯށި ފޮރިން މިނިސްޓަރު ރުތިޝާމް އާދަމް އިފްތިތާހުކޮށްދެއްވާފައިވާ އިރު، މި ހިދުމަތުގެ ސަބަބުން ކައުންޓަރުތަކަށް ނުގޮސް އޮންލައިންކޮށް ހިދުމަތް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން ޖިނާއީ އަދުލުގެ ނިޒާމުގައި ބޭނުންކުރާ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތައް އަދި ކޯޓުގެ ނިންމުންތަކާއި އިނގިރޭސި ތަރުޖަމާ އެއް ތަނަކުން ލިބޭނެހެން ތައްޔާރުކޮށްފައިވާ "ލެތުން" މޯބައިލް އެޕްލިކޭޝަނެއްވެސް ވަނީ ލޯންޗުކޮށްފައެވެ. އެ އެޕް ލޯންޗުކޮށްދެއްވީ ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ.
އަލީ ޔާމިން
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ކޮމެންޓް