ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރުމަށް "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ގާނޫނުން ދީފައިވާ އިހުތިޔާރު އުވާލައި، ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާ މާރުކުރުމުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ނިންމައިފިއެވެ.
އެމްއެމްއޭއިން މިއަދު ބުނީ، އެކަމާބެހޭ އިސްލާހުތައް ވަަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަަށް ފޮނުވާނެ ކަމަށާއި، އެކަންކަންކަން މިހާރު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރުގެ މަގުން މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުން އިހުތިޔާރެއްގެ ގޮތުގައި ހިމަނައި، ބޭރު ފައިސާއާ ބެހޭ ގާނޫނު މަޖިލީހުން ފާސްކޮށް އަމަލު ކުރަންފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ނަމަވެސް އެމްއެެމްއޭއިް ޑޮލަރު މާރުކުރުމުގެ މުއާމަލާތައް އަލަށް ގެންނާން އުޅޭ ބަދަލާ އެކު ހުރިހާ ރިސޯޓަކުން ވެސް ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށް ވާ ޑޮލަރު މާރުކުރުން މަޖުބޫރުވާނެއެވެ.
އެ ބަދަލު ގެންނަން ނިންމި ސަބަބެއްގެ ގޮތުގައި އެމްއެމްއޭއިން ބުނީ، ހުރިހާ ރިސޯޓުތަކުން ވެސް އެއް މިންވަރެއްގައި އެކަން ކުރެވޭނެ ގޮތެއް ހެދުން ކަމަށެވެ.
އެމްއެމްއޭ އިން ބުނީ ހައިއެންޑް ރިސޯޓުތަކުން ވެސް ޑޮލަރު މާރުކުރަމުން އަންނަނީ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ކަމަށާއި ކޮންމެ މަހެއްގެ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރަނީ ކުދި ރިސޯޓުތަކުން ކަމަށެވެ.
އެހެންކަމުން ކޮންވާޝަންގެ ތެރެއިން ވަރަށް ބޮޑު އަދަދެއް އެމްއެމްއޭއަށް ގެއްލޭ ކަމަށެވެ. ނަމަވެސް އަލަށް ގެންނަ އިސްލާހުގެ ތެރެއިން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ބޭންކްތަކުން އިތުރަށް މާރުވާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގައި، ކެޓަގަރީ ބީގައި ހިމެނޭ ގެސްޓްހައުސްތަކަށް އެއްވެސް ބަދަލެއް ނުގެނައި ނަމަވެސް އާ އިސްލާހުތަކުގެ ތެރެއިން ކެޓަގަރީ ސީގައި ހިމެނޭ، ޑޮލަރުގެ އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރީގެ ތެރެއިން ޑޮލަރު މާރުކުރަން ޖެހޭ ވިޔަފާރިތަކުގެ އާމްދަނީ ޓްރެޝްހޯލްޑް 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް އިތުރުކުރަން ވަނީ ނިންމައިފައެވެ.
މި އިސްލާހަށް އަމަލުކުރަން ފެށުމުން، ޓޫރިޒަމް ދާއިރާގައި ނުހިމެނޭ ވިޔަފާރިތަކުން 25 މިލިއަން ޑޮލަރަށް ވުރެ ދަށް އާމްދަނީއެއް ލިބޭ ނަމަ ޑޮލަރު މާރުކުރާކަށް ނުޖެހޭނެއެވެ. އެ ކެޓަގަރީގެ ދަށުން މިހާރު ވެސް ޑޮލަރު މާރުކުރަމުން އަންނަނީ 12 ވަރަކަށް ކުންފުނިން ކަމަށް ވަނީ ފާހަގަވެފައެވެ.
އެމްއެމްއޭއިން ބުނީ މި ބަދަލުން، ޑޮލަރު މާރުކުރަމުން އައި އަދަދަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އެ ކެޓަގަރީގައި ވަރަށް ތަފާތު ވިޔަފާރިތަކެއް ހިމެނޭކަން ފަހަގަކޮށް އެމްއެމްއޭއިން ބުނީ، އޭގެ ތެރޭގައި ކޮންސްޓްރަކްޝަން އާއި ޓެލެކޮމް ދާއިރާގެ ވިޔަފާރިތައް ހިމެނޭ ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުގެ ތެރޭގައި ދިވެހި ވިޔަފާރިތައް ކެޓަގަރީ ސީގައި ހިމެނޭ ނަމަ، ޑޮލަރު މާރުކުރަން ޖެހޭ އަދަދު އާމްދަނީގެ ހަތް ޕަސެންޓަށް ކުޑަ ކުރުމުގެ ފުރުސަތު ވެސް އެމްއެމްއޭއަށް ލިބެއެވެ.
އެމްއެމްއޭއިން ވަނީ ޑިޕޮސިޓްގެ ރިކުއާމެންޓް އެންމެ ފުރިހަމައަށް މޮނީޓަކުރުމުގެ ގޮތުން ބޭރުގެ ބޭންކުތަކުގެ ޕީއޯއެސް މެޝިންތަކުން ވެސް ޓްރާންސެކްޝަން ހިންގަންވާނީ ރާއްޖޭގެ ބޭންކް އެކައުންޓެއްގައި އެ ފައިސާ ޖެހިފައި ކަމަށެވެ.
އެގޮތަށް އެކަން ކުރުމަށް ނެޝަނަލް ޕޭމެންޓް ސިސްޓަމް ގާނޫނަށް އިސްލާހު ގެންނަން ވެސް އެމްއެމްއޭ އިން ވަނީ ނިންމައިފައެވެ.
މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ އިރު އެފައިސާގެ ތެރެއިން އަދިވެސް ބޮޑުބައެއް ރާއްޖޭގެ ބޭންކިން ސިސްޓަމަށް ނުވަންނާތީ، އެކަން ކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް ކުރިއަށް އޮތްތަނުގައި ވެސް އެޅުމަށް އެމްއެމްއޭއިން ވަނީ ނިންމާފައެވެ.
އިބްރާހިމް ޒަކީ
އެމްއެމްއޭ
ކޮމެންޓް