ރާއްޖޭގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ތެރެއިން ވަކި ސިސްޓަމަކީ "ނެޝަނަލް ޕޭމަންޓް ސުވިޗް" ކަމަށް ކަނޑައެޅުމުގެ ބާރު މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އޮންނަ ގޮތަށް ގާނޫނަށް މާއްދާއެއް އިތުރުކުރަން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް އިސްލާހު ގެންނަ ބިލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދެވެ.
މި ބިލުގެ ބޭނުމެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ، ރާއްޖޭގެ ފައިނޭންޝަލް އިންފްރާންސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމުގެގޮތުން، ނޭޝަނަލް ޕޭމަންޓް ސްވިޗްއެއް ގާއިމުކޮށް ކަމާގުޅޭ އުސޫލުތައް ގާނޫނުގައި ބަޔާންކުރުން ކަމަށެވެ. އަދި ގައުމީ ޕޭމަންޓް ސިސްޓަމްތަކުގެ ގަވާނަންސް އަދި މޮނިޓަރިން ހަރުދަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުންވެސް މި އިސްލާހުގެ ބޭނުމުގެ ތެރޭގައި ހިމެނެއެވެ.
ގާނޫނުގެ 15 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރަން ހުށަހެޅި މި އިސްލާހުގައި ވަނީ، ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމްގައި ހިމެނޭ ވަކި ސިސްޓަމަކީ ނެޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް ލިބިގެންވާ ކަމަށެވެ.
އޭގެ އިތުރުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެ އޮތޯރިޓީން ކަނޑައަޅާ ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރަން ޖެހޭނީ ނެޝަނަލް ޕޭމަންޓް ސްވިޗް ކަމަށް ކަނޑައަޅާފައިވާ ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ކަމަށްވެސް ބުނެފައިވެއެވެ.
އެ ބިލުގައިވާ ބަދަލުތައް ގާނޫނަށް ގެނެސް، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، ނެޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައަޅާ ސިސްޓަމްގައި، ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ބައިވެރިވާން ޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
އެކަމަކު ޕޭމަންޓް ހިދުމަތްދޭ ތަންތަނުން އެގޮތަށް ބަދަލުވާ މަރުހަލާގައި އިންތިގާލީ އިންތިޒާމެއްގެ ތެރެއިން ހިދުމަތް ދިނުމުގެ ހުއްދަ ދޭނެއެވެ.
ގާނޫނަށް މި އިސްލާހު ހުށަހެޅި އިރު ސަރުކާރުން އިސްކަންދޭ ޕޭމަންޓް ސިސްޓަމެއްގެ ގޮތުގައި "ފަވަރަ" ވަނީ ކަނޑައަޅައިފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް