ރަށްރަށުގެ ކައުންސިލްތަކުގެ ބާރުގެ ދަށުގައިވާ ބިންތައް ސަރުކާރުގެ މަޝްރޫއުތަކަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ، ރައްޔިތުންގެ އަމިއްލަ ގޯތިގެދޮރު ނާޖާއިޒު ގޮތުގައި އަތުލުމަށް މަގުފަހިވާނެ ކަމެއްކަމަށް އެމްޑީޕީގެ ޗެެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެ ބިލާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލިސް ދޮށުގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ބިލު މިހާރު އޮތް ގޮތުން ވަޒީރުންގެ މަޖިލީހަށް ކޮންމެ މީހެއްގެ ބިމެއް ވެސް ނެގުމުގެ ބާރު ލިބިގެންދާނެ ކަމަށެވެ.
މިއީ މީސްމީހުންގެ މިލްކިއްޔާތަށް އަރައިގަތުމަށް ހުޅުވޭ ނުރައްކާތެރި ދޮރެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ.
އެ އިސްލާހަކީ ގާނޫނުއަސާސީގެ ރޫހާ މުޅިން ހިލާފު، އަދި ގާނޫނުއަސާސީއާ ވަރަށް ބޮޑަށް ތައާރުޒުވާ ކަންތައްތަކެއް ހިމެނޭ ބިލެއްކަމަށް ނަޝީދު ވިދާޅުވިއެވެ.
"ވަރަށް އަރާރުން ބޮޑު. އަދި ފުންކޮށް ބައްލަވައިފިއްޔާ އެ ބިލުގައި އެބަވޭ އެހެން ބައިވަރު އުނި ކަންތައްތަކެއް ވެސް. އަޅުގަނޑު ހިތުން އެއީ ހެދިފައި ހުރި ގޯސް،" ނަޝީދު ވިދާޅުވިއެވެ.
އެ ބިލުގެ ދަށުން ކޮންމެ ރަށެއްގެ އަދި ކޮންމެ ރައްޔިތެއްގެ ބިން ނެގުމުގެ ބާރު ކެބިނެޓަށް ދިން ނަމަވެސް، ދިވެހި ރައްޔިތުން މިފަދަ ކަންކަމާ މެދު ބަސްނުބުނެ މަޑުން ނުތިބޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި އެ ބިލަކީ މަޖިލީހުގައި ބަހުސް ކުރަންޖެހޭ ފަދަ ބިލެއް ނޫން ކަމަށާއި، ބިލު އަނބުރާ ގެންދިއުމަށް ނަޝީދު ގޮވާލެއްވިއެވެ.
ބިންތައް ރަޖިސްޓްރީ ކުރުމުގައި މިހާރު އަމަލުކުރާ އުސޫލަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، އެ ބިލުގެ ސަބަބުން ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ކަންކަން ހިނގައިދާނެ ކަމަށެވެ. އެގޮތުން އެއްވެސް ވިސްނުމެއް ނެތި ހުށަހަޅާފައިވާ އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިގެން ނުވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތީ 55 މެމްބަރުންގެ ވޯޓުންނެވެ.
ބިލުގައިވާ ގޮތުން، ތަރައްގީގެ މަޝްރޫއެއް ހިންގުމަށް ބޭނުންވާ ނަމަ، ކައުންސިލްގެ އިހްތިސާސުން އެ ބިމެއް ވަކިކުރުމުގެ ފުރިހަމަ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވެއެވެ. އަދި ކައުންސިލްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ބޭނުންވާ ބިންތައް ހަވާލުކުރަން ބިލުން ކައުންސިލްތަކަށް މަޖުބޫރުކުރެެެއެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް