ފުލުހުންނާއި ސިފައިންނާއި ރައްޔިތުންގެ މަޖިލިސް ފަދަ ދައުލަތުގެ އިދާރާތަކުގެ އަގުވައްޓާލައި ނަފްރަތު އުފައްދާ ފަރާތްތަކަށް ގާނޫނުތަކާއި ގަވާއިދުތަކުން ފިޔަވަޅު އެޅޭގޮތް ހެދުމަށް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން މަޖިލިސް މެންބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

މެންބަރުންގެ ކިބައިން މިނިސްޓަރު މިކަމަށް އެދިވަޑައިގެންނެވީ، ފުލުހުންނާ ދޭތެރޭ ނަފްރަތު އުފައްދައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން މަސައްކަތްކުރާ ފަރާތްތަކާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތްތޯ، މަޖިލިސް ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

"ފުލުހުންގެ މުއައްސަސާވެސް އަދި ދައުލަތުގެ މިފަދަ އެހެން މުއައްސާތައްވެސް ރައްޔިތުންގެ މަޖިލިސް، ދައުލަތުގެ އިދާރާތަކުގެ ކަރާމާތާއި އެތަންތަނުގެ އިތުބާރު ނެގެހެއްޓުމަކީ ސިޔާސީ ކަމަކަށް ހަދައިގެންނުވާނެ،"

އެތަންތަނަކީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އަދި ކޮންމެ ސިޔާސީ ފިކުރެއް އޮތަސް އެތަންތަނުގެ އިއްޒަތާއި ކަރާމާތާއި އަބުރު ނެގެހެއްޓެންޖެހޭ ތަންތަން ކަމަށާއި، ހާއްސަކޮށް ފުލުހުންގެ ހިދުމަތާއި، ދިވެހި ސިފައިންގެ ހިދުމަތްފަދަ ސަލާމަތީ ހިދުމަތްތަކަކީ ކޮންމެ ހާލަތެއްގައި ރައްޔިތުން އެ ހިދަތްތަކަށް ބަލަބަލާ ތިބޭ ހިދުމަތްތަކެއް ކަމަށްވެސް މިނިސްޓާރު ވިދާޅުވިއެވެ.

"އެތަންތަނުގެ ކަރާމާތާއި ރައްކާތެރިކަން އަދި ވަކިން ހާއްސަކޮށް އެތަންތަނަށް އޮންނަ އިތުބާރު ސިޔާސީގޮތުން ނަގާލަން ފުރުސަތު އޮވެގެންވާނެ ކަމަށް ގަބޫލެއްނުކުރަން،"

ނަމަވެސް މިނިސްޓަރު ވިދާޅުވީ، ގާނޫނީގޮތުން މިވަގުތު އެތަންނަށް ރައްކާތެރިކަން ދެވިފައި ނެތް ކަމަށެވެ.

އަޅުގަނޑު އެދެން ވަރަށްބޮޑަށް ގާނޫނީގޮތުން އެ ރައްކާތެރިކަން އެކަންކަމަށް ފިޔަވަޅު އެޅޭގޮތަށް ގާނޫނުތަކަށް ބަދަލުތައް ގެނެސްދިނުން ފުުލުހުންނާއި ސިފައިންނާއި މަޖިލީހުގެ އަގު ހިފެއްޓުމަށް،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.