މާލޭގެ މައި މަގުގެ ގޮތުގައި ބެލެވޭ، މަޖިދީގަމުގެ އެންމެ ކާރޫބާރޫ ބޮޑު ގަޑީގައި މުޒާހަރާކުރަން އިދިކޮޅު އެމްޑީޕީއަށް ހުއްދަ ނުދެއްވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިމަހުގެ 13 ވަނަ ދުވަހު އެމްޑީޕީން ބާއްވަން ނިންމާފައިވާ މުޒާހަރާއާ ގުޅިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ އާންމުންނާއި ސިޔާސީ މީހުންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ފުޅާދާއިރާއެއްގައި ދިނުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ.

ނަމަވެސް މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަގު ބަންދުކޮށްގެން ހަރަކާތެއް ހިންގާއިރު ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހުންނަ ކަމަށާއި، މަޖިދީމަގު ބްލޮކްކޮށް، ސިޔާސީ ހަރަކާތެއް ހިންގުމަށް ފުރުސަތުދޭއިރު، އާންމު ގޮތެއްގައި އެއީ ކޮން ގަޑިއެއްގައި އަދި ކޮން ދުވަހަކު ބާއްވާ ހަރަކާތެއްތޯ ބަލައި، އެ ވަގުތަކީ އެކަމަށް ހުއްދަ ދެވޭ ފަދަ ވަގުތެއްތޯ ބަލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މަގު ބަންދުކޮށްގެން މާލޭގެ އެހެން ތަންތަނުގެ ޓްރެފިކަށް ވަރަށް ބޮޑަށް އަސަރު ނުކުރާނަމަ، އެ ފުރުސަތު މީގެ ކުރިން ވެސް ދީފައިވާ ކަމަށެވެ.

ނަމަވެސް މިފަހަރު މަޖީދީމަގުގައި އެމްޑީޕީން މުޒާހަރާ ބާއްވަން އެދިފައިވަނީ ކުރު ދުވަހެއްގެ ރޭގަނޑުގެ ވަގުތުގައި ކަމަށާއި އެ ވަގުތަކީ ކާރޫބާރޫ ބޮޑު ވަގުތެއް ކަމަށްވާތީ އެވަގުތުގައި ހުއްދަ ދެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު އެނގިވަޑައިގަންނަވާނެ މާލޭގެ މަގުތައް ފުޅާކޮށްފަ ތިބޭފުޅުންނަށް މުޒާހަރާ މިހާރު ފުޅާ ލެންތުގައި ވެސް ކުރެވޭނެ، މިހާރު ނިކުންނަ އދަދުތަަކަށް ބަލާއިރު މަގުގައި ހުރަހައް ތިއްބަވައިގެންވެސް މުޒާހަރާ ކުރެވޭވަރަށް ބޭރު މަގުވެސް އެއޮތީ ފުޅާ ކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.