ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެންދަނީ އެ ކުދިންގެ އާއިލާގެ ތެރެއިން ރައްކާތެރިކަން ކަށަވަރުނުކުރެވޭނެކަން އެނގުމުންކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުމުގައި އަމަލުކުރަނީ "ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު" ގައި ބަޔާންކޮށްފައިވާ ހަރުދަނާ އުސޫލުތަކުގެ މަތިން ކަމަށެވެ. ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) އިން ކުޑަކުދިންނަށް ލިބިދޭ ހާއްސަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ކުޑަކުއްޖަކާ ގުޅޭ ކޮންމެ ނިންމުމެއް ނިންމުމުގައިވެސް އެންމެ އިސްކަމެއް ދެނީ އެ ކުއްޖެއްގެ މަދއލަހަތު ހިމާޔަތްކުރުމަށް ކަމަށެވެ. އަދި ކުއްޖަކު ދައުލަތަށް ނެގުމަކީ ގާނޫނުގެ ދަށުން އެޅޭނެ އެންމެ ފަހުގެ ފިޔަވަޅު ކަމަށާއި، އޭގެ ކުރިން ކުއްޖާގެ މައިންބަފައިން ނުވަތަ އާއިލާގެ ތެރެއިން ރައްކާތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް އޮތްތޯ ދައުލަތުން ބަލާނެކަމަށް މިނިސްޓްރީން ބުންޏެވެ.

"ކުއްޖާގެ މައިންބަފައިން އަދި ކުއްޖާގެ އާއިލާގެ އެއްވެސް ފަރާތަކުން ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައި މެނުވީ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނުގެނެވޭނެ،" މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، މައިންބަފައިންގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަކީ އެކަނި ކުއްޖާ ވަކިކުރުމަށް އޮތް ސައްހަ ސަބަބެއް ނޫންކަން ފާހަގަކުރަމުން މިނިސްޓްރީން ބުނީ، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުނުވާ ނާޒުކު ހާލަތްތަކުގައި ގާނޫނުގެ 88 ވަނަ މާއްދާގެ ދަށުން ވަގުތުން ފިޔަވަޅު އަޅައި، ކުއްޖާ ހުރި މާހައުލުން ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ނުވަތަ ވަގުތީ ގޮތުން އެހެން ފަރާތަކާ ހަވާލުކުރެވޭނެ ކަމަށެވެ.

ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ހަބަރުތައް ފެތުރުމުގައި ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށާއި، އެފަދަ ފަރާތްތައް އިތުރު ނާޒުކު ހާލަތަކަށް ހުށަހެޅިދާނެ ފަދަ ގޮތްގޮތަށް އަމަލު ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.