ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން މިދިޔަ އަހަރު ލިބުނު އާމްދަނީގެ ތެރެއިން ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރު ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަދެފައި ނުވާކަން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭ އިން މިއަދު މީޑިއާތަކާ ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ޓޫރިޒަމް ވިޔަފާރިތަކަށް އާމްދަނީގެ ގޮތުގައި ޖުމްލަ 5.7 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. ނަމަވެސް، އޭގެ ތެރެއިން ރާއްޖޭގައި ހުރި ބޭންކުތަކަށް ވައްދާފައިވަނީ 3.8 ބިލިއަން ޑޮލަރެވެ. މިއީ އެ ސިނާއަތަށް ލިބުނު މުޅި އާމްދަނީގެ 68 ޕަސަންޓެވެ.
އެމްއެމްއޭއިން ބުނީ، ރާއްޖޭގައި ހުރި ބޭންކުތަކަށް މިދިޔަ އަހަރު މާރުކޮށްފައިވަނީ ޖުމްލަ 1.8 ބިލިއަން ޑޮލަރު ކަމަށެވެ. މީގެ ތެރެއިން ބޭރު ފައިސާގެ ގާނޫނުގެ ދަށުން މާރުކޮށްފައިވަނީ 21 ޕަސަންޓެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި އެމްއެމްއޭ އިން ވަނީ އެވްރެޖްކޮށް 768.5 މިލިއަން ޑޮލަރު ބޭންކުތަކަށް ވިއްކާފައި ކަމަށެވެ.
މީގެ އިތުރުން، ރިސޯޓްތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރި ފަހުން ބޭންކުތަކަށް މާރުކޮށްފައިވާ ބޭރު ފައިސާގެ އަދަދު 21 ޕަސަންޓް އިތުރުވެފައިވާކަން އެމްއެމްއޭ އިން ފާހަގަކުރެއެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ޓޫރިޒަމްގެ އާމްދަނީން ބޭންކުތަކަށް ލިބުނު އާމްދަނީވެސް ވަނީ 68 ޕަސަންޓް އިތުރުވެފައެވެ.
މުހައްމަދު އިޝާން
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް