މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައި، މިފްކޯ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިފްކޯ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިފްކޯގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުހައްމަދު އަނަސް އެވެ. އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓާ ފާތިމަތު އާޝާން އެވެ.

މިފްކޯއިން މިއަދު ބުނީ އެ އެއްބަސްވުމުގެ ދަށުން، އެފްއެސްއެމްގެ ފިއުލް ޝެޑްތައް ގާއިމުކޮށްފައިވާ މިފްކޯގެ ސެންޓަރުތަކުން، މިފްކޯއަށް މަސްކިރުވާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ކަމަށެވެ. އެގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން މިއަދުން ފެށިގެން ކްރެޑިޓަށް ތެޔޮ ދޫކުރާގޮތަށް ވަނީ ހަމަޖައްސާފައިކަމަށް މިފްކޯއިން ބުންޏެވެ.

"މި އެއްބަސްވުމުގެ ދަށުން، މިފްކޯއަށް މަސްކިރުވުމަށްފަހު ލިބޭ ބިލު ހިފައިގެން ގޮސް ދޯނިފަހަރަށް ތެޔޮ އެޅޭނެ އިންތިޒާމު މިވަނީ ހަމަޖެހިފައެވެ. މި އިންތިޒާމުގެ ދަށުން ދޯނިފަހަރަށް އަޅާ ތެލުގެ ބިލަށް ފައިސާ ކަނޑާނީ އެ ދޯންޏަކުން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާގެ ތެރެއިންނެވެ. މި އުސޫލުގެ ދަށުން މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭ ޕޭމަންޓުން ތެލުގެ ފައިސާ އުނިކުރެވޭނެއެވެ." މިފްކޯއިން ބުންޏެވެ.

ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މަސްވެރިން ވަރަށް ބޮޑަށް އެދެމުން އައި ކަމެއްކަމަށް މިފްކޯއިން ބުންޏެވެ.

އަދި މިއީ، މިފްކޯގެ މިހާރުގެ ސީއީއޯ އަނަސް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ކުންފުނީގެ ސެންޓަރުތަކަށް ކުރެއްވި ޒިޔާރަތްތަކުގައި މަސްވެރިންނާ ބައްދަލުކުރެއްވުމުންވެސް މަސްވެރިންގެ ފަރާތުން ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަންތައްކަމަށް މިފްކޯއިން ބުންޏެވެ. ސަރުކާރާ ވާހަކަދައްކަވައިގެން އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން އޭރު އަނަސް ވަނީ މަސްވެރިންނަށް ދެއްވާފައިކަމަށް މިފްކޯއިން ބުންޏެވެ.