ހޮރްމުޒު ކަނޑުއޮޅި ދެން ހުޅުވާނީ އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކަށް އެމެރިކާއިން އެއްބަސްވީ ދުވަހަކުން ކަމަށް އީރާނުން އަނެއްކާވެސް ބުނެފިއެވެ. އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ، މުހްސިން ރިޒާއީ ވިދާޅުވި ގޮތުގައި، މި ޝަރުތުތަކުގެ ތެރޭގައި، އެމެރިކާއިން ކުރަމުންދާ ހަނގުރާމައާއި ހިސާރުކުރުން ހުއްޓާލުމާއި އީރާނުގެ ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުމާއެކު ސަރަހައްދީ ހަމަލާތައް މެދުކަނޑާލަން އެއްބަސްވުން ހިމެނެއެވެ.
ޗައިނާއިން އީރާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޮންގް ޕެއިވޫއާ ބައްދަލުކުރައްވައި ރިޒާއީ ވިދާޅުވި ގޮތުގައި، އެމެރިކާގެ އަމަލުތައް ބަދަލުކޮށް އީރާނުގެ ޝަރުތުތައް ގަބޫލުކުރާންދެން އެ ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެއެވެ. އަދި އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި އާންމުކުރެއްވި މެސެޖެއްގައިވެސް ވަނީ މި ޝަރުތުތައް ފުރިހަމަވާންދެން ކަނޑުއޮޅި ނުހުޅުވާނެކަން ތަކުރާރުކުރައްވައިފައެވެ.
އީރާނުން ހުށަހަޅާފައިވާ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި ކަނޑުމަގުން ކޮށްފައިވާ ހިސާރު ނިމުމަކަށް ގެނައުމާއި، ބޭރު ގައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލުން ހިމެނެއެވެ. މީގެ އިތުރުން، ލުބުނާނާއި ގައްޒާ ހިމެނޭ ގޮތަށް މުޅި މެދުއިރުމަތީގައި ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވުމަކީވެސް ކަނޑުއޮޅި ހުޅުވުމަށް އީރާނުން ކަނޑައަޅާފައިވާ މުހިންމު ޝަރުތެއް ކަމަށް ރިޒާއީ ފާހަގަކުރެއްވިއެވެ. މި ޝަރުތުތައް އެމެރިކާއަށް މެދުވެރިން މެދުވެރިކޮށް އަންގާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޮމާނާއެކު ކަނޑުދަތުރުފަތުރުގެ މަގުތަކާ ގުޅޭގޮތުން އީރާނުން އެއްބަސްވުމަކަށް އައި ނަމަވެސް، އެއީ ހޮރުމުޒް ކަނޑުއޮޅި ހުޅުވުމާ ގުޅުންހުރި ކަމެއް ނޫންކަމަށް ރިޒާއީ ވިދާޅުވި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ކޮމެންޓް