އެމެރިކާއާއި ދެކުނު ކޮރެއާއިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތަކެއް ފެށުމަށް ތައްޔާރުވެފައި ވަނިކޮށް، އުތުރު ކޮރެއާއިން މިއަދު ބެލިސްޓިކް މިސައިލެއް ފޮނުވާލައިފިއެވެ.
ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މިސައިލް ފޮނުވާލާފައިވަނީ އުތުރު ކޮރެއާގެ އިރުމަތީ އައްސޭރީގައި އޮންނަ ވޮންސަން ސަރަހައްދުން މިއަދު ހެނދުނު 6:00 ހާއިރުއެވެ. އަދި މި މިސައިލް 700 ކިލޯމީޓަރަށް ދަތުރުކޮށްފައިވާ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ. ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، މިސައިލް ވެއްޓިފައިވަނީ އެ ގައުމުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުން ބޭރަށެވެ. އަދި މިސައިލް 90 ކިލޯމީޓަރުގެ އުސްމިނަކަށް އެރި ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އަންނަ ހޯމަ ދުވަހުން ފެށިގެން މި މަހުގެ 27 އަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ "އުލްޗީ ފްރީޑަމް ޝީލްޑް" ތަމްރީނުތަކުގައި ދެކުނު ކޮރެއާގެ 18،000 ސިފައިން ބައިވެރިވާނެ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، މި ތަމްރީނުތަކުގައި ޑްރޯން ހަމަލާތަކާއި، ޖީޕީއެސްއަށް ހުރަސްއެޅުމާއި، ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށް ފަރިތަކުރާނެއެވެ. މީގެ އިތުރުން، ފަހުގެ ހަނގުރާމަތަކުން ލިބިފައިވާ ފިލާވަޅުތަކުގެ މައްޗަށް ބިނާކޮށް މި ތަމްރީނުތައް ކުރިއަށްގެންދާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ތަރުޖަމާނު ރަޔަން ޑޮނަލްޑް ވިދާޅުވި ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާއާއި ދެކުނު ކޮރެއާއިން ބުނަމުން އަންނަނީ މިއީ ދިފާއީ ގޮތުން ބާއްވާ ތަމްރީނުތަކެއް ކަމަށެވެ. ނަމަވެސް އުތުރު ކޮރެއާއިން ސިފަކުރާ ގޮތުގައި މިއީ އެ ގައުމަށް އަރައިގަތުމަށް ވާ ތައްޔާރީތަކެކެވެ.
މިސައިލް ފޮނުވާލުމާ ގުޅިގެން ޖަޕާނުގެ ޑިފެންސް މިނިސްޓަރު ޝިންޖިރޯ ކޮއިޒުމީ ވިދާޅުވި ގޮތުގައި، މިއީ ޖަޕާނުގެ ރައްޔިތުންގެ ސަލާމަތަށް އޮތް ނުރައްކަލެކެވެ. އަދި މިކަމާ ގުޅިގެން ޖަޕާނުން ވަނީ އުތުރު ކޮރެއާގެ އަމަލު ކުށްވެރިކޮށްފައެވެ.
ދެކުނު ކޮރެއާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވެސް ވަނީ މިއީ އދ. ގެ ގަރާރުތަކާ ހިލާފު އަމަލެއް ކަމަށް ބުނެ، މިފަދަ ކަންކަން ހުއްޓާލުމަށް އުތުރު ކޮރެއާއަށް ގޮވާލާފައެވެ.
އުތުރު ކޮރެއާ
އުތުރު ކޮރެއާ
އުތުރު ކޮރެއާ
އުތުރު ކޮރެއާ
ކޮމެންޓް