ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ އެއް ވަނަ، ދެ ވަނަ، އަދި ތިން ވަނަ ހާސިލް ކުރާ ފަރާތްތަކަށް އުމްރާ ދަތުރެއް ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މުބާރާތަށް އެވުޒާރާގެ ފަރާތުން އިނާމު ހުށަހަޅާނެ ކަމަށެވެ.

އޭގެ ފަހުން އިސްލާމިކް މިނިސްޓްރީގެ މީޑިޔާ ގްރޫޕުގައި މިނިސްޓަރު ވިދާޅުވީ ވާހަކަދެއްކުމުގެ ގައުމީ މުބާރާތުން އެއް ވަނަ، ދެ ވަނަ، އަދި ތިން ވަނަ ހާސިލް ކުރާ ފަރާތްތަކަށް، އިސްލާމިކް މިނިސްޓްރީ އަދި އެންޑޯމަންޓްގެ ފަރާތުން އުމްރާ ދަތުރު ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

11 އޮގަސްޓް 2026: ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ ވާހަކަދެއްކުމުގައި ކުރިއަރައި ދިޔުމަށް ޝައުގުވެރިވާ ކުދިން ގިނަގިނައިން ފޮތް ކިޔުމާއި ތަގުރީރުތައް އަޑުއެހުމާއި ދަސްކުރުމާއި ތަމްރީނު ހޯދުން މުހިންމު ކަމަށެެވެ.

އޭގެ އިތުރުން އިސްލާމްދީނުގެ ރިސާލާތު ފޯރުކޮށްދިނުމުގައި ވާހަކަދެއްކުމުގެ ހުނަރު މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ ބައެއް މީހުންނަކީ ގުދުރަތީގޮތުން މޮޅު ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދެއްވާފައިވާ ބައެއް ކަމަށާއި އަނެއް ބައި މީހުންގެ މަސައްކަތުން ވެސް މޮޅު ވާހަކަދެއްކުންތެރިންނަށް ވެވިދާނެ ކަމަށެވެ.