ހުޅުމާލެ ފޭސްދޭއްގައި ހުންނަ ފަހި ފްލެޓްތައް ކައިރިއަށް އެއްކޮށްފައިވާ ކުނީތައް ނެގުމުގެ މަސައްކަތުން ތިން ދުވަސްތެރޭ 1260 ޓަނުގެ ކުނި ނަގާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

'މަދިރިން ރައްކާ'ގެ ނަމުގައި ކުރިޔަށްގެންދިޔަ ޕްރޮގްރާމްގެ ދަށުން ހުޅުމާލެ ފަހި ފްލެޓްތައް ކައިރިޔަށް އެއްކޮށްފައިވާ ކުނިތައް ނެގުމަށް އެޗްޑީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ހުޅުމާލެ ފުލުހުން ގުޅިގެން މަސައްކަތް ފެށީ މިމަހުގެ 8 ގައެވެ.

އެޗްޑީސީން ބުނީ ރެއާ ހަމަޔަށް ނެގުނު ކުނީގެ ޖުމްލަ 1260 ޓަނަށް އަރާ ކަމަށެވެ. ގިނަ ބަޔަކު ގުޅިގެން ކުރި މަސައްކަތުން އެ ސަރަހައްދު މިހާރު ވަނީ ސާފުކޮށްފައި ކަމަށެވެ. އަދި އެ ސާފުކަން ދެމެހެއްޓުމަށް އެންމެންގެ އެއްބާރުލުން ބޭނުން ކަމަށް އެޗްޑީސީން ބުނެއެވެ.

މި މަސައްކަތް އިތުރަށް ހަރުދަނާކޮށް އަދި ސާފުވެއްޓެއް ފަހި ފްލެޓްތައް ކައިރީ ދެމެެހެއްޓުމަށް ފަހި ފްލެޓްތައް ކައިރިއަށް ކުނި އަޅާ މީހުން ވީޑިއޯ ފުޓޭޖުތަކުން ފާހަގަކޮށް، ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު އެފްޑީސީ އިން ވަނީ ދީފައެވެ.

އެފްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޒާން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފަހި ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުން ވެސް އެ ސަރަހައްދަށް ކުނި އަޅާ މީހުން ފާހަގަކޮށް އެފަރާތްތައް އެފްޑީސީއަށާއި އެޗްޑީސީއަށް ރިޕޯޓު ކުރުމަށް އެދޭ ކަމަށެވެ.

"ރިޕޯޓްކުރުމުން އެކަމަށް ސަމާލުވެ، ފިޔަވަޅު އަޅަމުންދާނަން. އޭގެ އިތުރުން މިތަން ސާފުކޮށް ނިމުމުން ސަރަހައްދު ތަރައްގީކޮށް ގާ އެޅުމާއި ރައްޔިތުން ބޭނުންވާ ގޮތަށް ގްރީން ސްޕޭސްވެސް ތަރައްގީ ކުރާނަން،" ރަޒާން ވިދާޅުވިއެވެ.

އެކަންކަން ފުރިހަމަ ކުރެވޭނީ ފަހި ފްލެޓްތަކުުގައި ދިރިއުޅޭ ރައްޔިތުން ވެސް ކަމާ ގުޅުންހުރި އިދާރާތަކަށް އެއްބާރުލުން ދީގެން ކަމަށާއި އަދި ގަވައިދާ ހިލާފުވާ ފަރާތްތަކުގެ މައްސަލަތައް އެ ކުންފުންޏަށް އެންގުމުން ކަމަށް އޭނާ ވިދާޅުވިއެވެ.