ކޯޕަރޭޓް އިންކަމް ޓެކްސް އާއި އާންމު މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީޖީއެސްޓީ) ހިމެނޭހެން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއެކު، ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 26.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން އިން އާންމުކޮށްފައިވާ ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 26.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ރިޕޯޓުގައިވާ ގޮތިން ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 24.2 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު، މި އަހަރުގެ މި މުއްދަތުގައި ވަނީ 9.3 ޕަސަންޓު އިތުރުވެފައެވެ. ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓެކްސް އާމްދަނީ ވަނީ 18.7 ބިލިއަން ރުފިޔާއިން 20.5 ބިލިއަން ރުފިޔާއަށް، ނުވަތަ 10.1 ޕަސަންޓުން އިތުރުވެފައިވެއެވެ.

ކޯޕަރޭޓް އިންކަމް ޓެކްސްއަކީ މި މުއްދަތުގަ ދައުލަތަށް އާމްދަނީ ލިބުނު މުހިންމު އެއް ވަސީލަތް ކަމަށްވާ އިރު، މި މަހުގެ ހައެއްގެ ނިޔަލަށް ވަނީ 2.7 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 2.6 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 1.4 ޕަސަންޓުގެ ކުރިއެރުމެކެވެ.

ޖީޖީއެސްޓީއިން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 10.4 ޕަސަންޓުގެ ކުރިއެރުމެއް ހޯދައިފައެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު 3.1 ބިލިއަން ރުފިޔާގެ ބަދަލުގައި މިއަހަރު ވަނީ 3.4 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ ޖީޖީއެސްޓީ ގެ ގޮތުގައި އިތުރަށް ލިބުނު 323.7 މިލިއަން ރުފިޔާއެވެ.

މުދަލާއި ހިދުމަތުން ނަގާ ޓެކްސްގެ ގޮތުގައި ޖުމްލަ 10.5 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 9.9 ބިލިއަން ރުފިޔާއެވެ. ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ޖީޖީއެސްޓީ ގެ ހިއްސާއަކީ 3.4 ބިލިއަން ރުފިޔާއެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުން ވެސް މި މުއްދަތުގައި ވަނީ ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ 1.8 ބިލިއަން ރުފިޔާއިން 2.0 ބިލިއަން ރުފިޔާއަށް ނުވަތަ 13.2 ޕަސަންޓު އިތުރުވެފައިވާ އިރު، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 4.5 ބިލިއަން ރުފިޔާއިން 5.3 ބިލިއަން ރުފިޔާއަށް ނުވަތަ 18.5 ޕަސަންޓަށް މައްޗަށް ގޮސްފައެވެ.

ނޮން-ރެސިޑެންޓް ވިތުހޯލްޑިން ޓެކްސް 15.8 ޕަސަންޓު އިތުރުވެ 885.0 މިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 4.0 ޕަސަންޓު އިތުރުވެ 1.3 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް 14.9 ޕަސަންޓު އިތުރުވެ 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ 5.3 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 2.6 ޕަސަންޓުގެ އިތުރުވުމެކެވެ. މީގެ ތެރެއިން ހަރުމުދަލުން ލިބުނު އާމްދަނީ 33.1 ޕަސަންޓު އިތުރުވެ 1.7 ބިލިއަން ރުފިޔާއަށް އަދި ސަރުކާރު ކުންފުނިތަކުގެ ޑިވިޑެންޑް 17.0 ޕަސަންޓު އިތުރުވެ 483.1 މިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. ހިލޭ އެހީގެ ގޮތުގައި 454.8 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 221.2 މިލިއަން ރުފިޔާއާ އަޅައި ބަލާއިރު ދެގުނައަށް ވުރެ އިތުރު މިންވަރެކެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި ސަރުކާރުން އަންނަނީ ދަރަނި ދެއްކުމުގެ އިލްތިޒާމްތައް އަދާކުރަމުންނެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ބޭރުގެ ލޯނުތައް އަދާކުރުމަށެވެ. ރިޕޯޓުން ދައްކާ ގޮތުގައި މި މަހުގެ ހައެއްގެ ނިޔަލަށް ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުވެފައިވަނީ 3.9 ބިލިއަން ރުފިޔާއެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 146.0 ޕަސަންޓުގެ އިތުރުވުމެކެވެ. މި އަހަރު ލޯނު ދެއްކުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ޖުމްލަ އަދަދަކީ 12.9 ބިލިއަން ރުފިޔާއެވެ.

ހަރަދުގެ ބަޔަށް ބަލާއިރު، ރިކަރަންޓް އެކްސްޕެންޑިޗާ ވަނީ އަހަރުން އަހަރަށް ބަލާއިރު 20.2 ޕަސަންޓު އިތުރުވެ، 19.9 ބިލިއަން ރުފިޔާއިން 23.9 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށް ކުރެވުނު ހަރަދު 11.2 ޕަސަންޓު އިތުރުވެ 9.4 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ސަރުކާރު ހިންގުމާއި އިދާރީ ހަރަދުތައް 26.3 ޕަސަންޓު އިތުރުވެ 14.4 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. އެހީ އާއި ސަބްސިޑީގެ ހަރަދުތައް 43.3 ޕަސަންޓު އިތުރުވެ 7.8 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އޭގެ ތެރޭގައި ސަބްސިޑީއަށް ކުރެވުނު ހަރަދު 75.7 ޕަސަންޓު އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަދި އާސަންދައަށް ކުރެވުނު ހަރަދު 17.2 ޕަސަންޓު އިތުރުވެ 1.3 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.

ކެޕިޓަލް ހަރަދު ވަނީ 7.0 ޕަސަންޓު އިތުރުވެ، މިދިޔަ އަހަރުގެ 3.1 ބިލިއަން ރުފިޔާއިން 3.4 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. ބިމާއި އިމާރާތްތަކަށް ކުރެވުނު ހަރަދު 57.9 ޕަސަންޓު އިތުރުވެ 1.1 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ފާލަމާއި ބަނދަރުތަކަށް ކުރެވުނު ހަރަދު 65.9 ޕަސަންޓު އިތުރުވެ 261.0 މިލިއަން ރުފިޔާއަށް، އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރެވުނު ހަރަދު 39.1 ޕަސަންޓު އިތުރުވެ 791.2 މިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. ކެޕިޓަލް އިކުއިޕްމަންޓަށް ކުރެވުނު ހަރަދުވެސް ވަނީ 12.1 ޕަސަންޓު އިތުރުވެ 416.8 މިލިއަން ރުފިޔާއަށް އަރައިފައެވެ.

ރިޕޯޓުން ދައްކާ ގޮތުގައި މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސްގެ ގޮތުގައި 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވިފައިވާ އިރު، ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.