މަސްވެރިކަން ކުރަން ބޭނުންވާ އެން ލިބޭނެ ސެންޓަރެއްގެ ގޮތުގައި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ގއ. މާނާގަލަ އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓަރު އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑްއޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ.

ސުވާލު ކުރައްވަމުން މެންބަރު ވިދާޅުވީ، މަސްވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެން ނުލިބުމުގެ މައްސަލަ ކަމަށެވެ. އެންހުންނަ ސަރަހައްދުތަކުން ވެލި ނަގައިގެން ތަންތަން ހިއްކާތީ އެ މައްސަލަ ދިމާވާ ކަމަށެވެ. އެހެންކަމުން އެންވެރިކަމަށް އަސަރުކުރާ މައްސަލައިގައި އެކަމަށް އެއްވެސް ކަހަލަ ހިޔާލެއް ދެއްވާފައިވޭތޯ އާއި އެންވެރިކަން އިތުރު ކުރަން ކުރެވެނީ ކޮން ކަންތައްތަކެއްތޯ، ސުވާލު ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ހާއްސަކޮށް އެން ނުލިބިގެން މަސްވެރިން މަސްވެެރިކަމަށް ނުނުކުމެ ތިބެންޖެހޭ މައްސަލައަށް ހައްލެއް ގެންނެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ވަރަށް މުހިއްމު ތަސްވުރެއް ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުން އެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަަކައި މަސައްކަތްތަކެއް ކުރަައްވމުން ގެންދަވާ ކަމަށާއި އެގޮތަށް އެން ލިބޭނެ ސެންޓަރެއްގެ ގޮތުގައި މާނާގަލާ އޮޕަރޭޝަނަށް ގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަމާޒު ހިފިން ދެ ތާރީހެއް އެހެންނަމަވެސް އެދެ ތާރީހަށްވެސް އެކަންތައްނުނިމި މިދަނީ އެހެންވީމަ މިހާރު މިބަަލަނީ މިއަހަރުގެ ޑިސެމްބަރު މަހަށް މާނާގަލާ އޮޕަރޭޝަަނަށް ގެނައުމަށް އޭރުން މިބަލަނީ މާނާގަލާ އެއީއެން ލިބޭނެ އެއް ސެންޓަރުކަމަށް،"

މިނިސްޓަރު ވިދާޅުވީ ހަމަ އެހަލަ އެން އާލާ ކުރެވޭ ތަހުލީލުތަކެއް މަނިޔަފުށީގައި ވެސް ކުރަމުންދާ ކަމަށެވެ.

އެ ތަހުލީލުތައް ކާމިޔާބު ކަމަށާއި މާނާގަލާ ފިޔަވައި އުތުރުގެ ސަރަހައްދެއްގައި ވެސް އެންލިބޭ ސެންޓަރެއް ގާއިމް ކުރައްވާނެ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ ތަންތަން ހިއްކުމަށް ކޮންނަނީ އީއައިއޭ ހެދުމަށްފަހުގައި ކަމަށެވެ. އެކަން ކުރާއިރު އެން ގްރައުންޑަކާ ގާތްވާނަމަ އެ ފަރާތަކުން އެކަމާމެދު ފިޝަރީޒް މިނިސްޓްރީއާ މަޝްވަރާ ކުރާ ކަަމަށެވެ. އެގޮތުން ދިމާވާ ބައެއް ކަންބޮޑުވުންތައް އެ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވޭ ކަމަށާއި، އެ ކަމަށް ހައްލު ގެންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.