ރާއްޖޭގެ އިގުތިސޯދު މިހާރު ދަތުރުކުރަމުން ދަނީ ކަންބޮޑުވާ ފަދަ މިސްރާބަކަށް ކަމަށާއި އެކަމުގެ ސަބަބުން ގައުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ތަކެތީގެ އަގު އުފުލެމުންދާ މިންވަރަށް ބަލާއިރު ރާއްޖޭގައި ހައިޕާ އިންފްލޭޝަން ނުވަތަ އަގުބޮޑުވުމުގެ ނުރައްކާ އޮތް ކަމަށެވެ.

ނަޝީދު ވިދާޅުވީ މިފަދަ ހާލަތެއްގައި ގައުމުގެ އިގުތިސޯދު ދަމަހައްޓައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ހިފެހެއްޓުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާނެ ކަމަށެވެ.

ރާއްޖެއިން ޑޮލަރު މަދުވަމުންދަނީ ދައުލަތުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ހަރަދު ކުޑަކުރުމުގެ ބަދަލުގައި ބޭކާރު ކަންކަން ކުރަމުންދާ ކަމަށް ރައީސް ނަޝީދު ތުހުމަތުކުރެއްވިއެވެ. އަދި ދަރަނި އަނބުރާ ދެއްކުމުގެ މަސައްކަތްތައް ނުކުރެވުމާއި އިގްތިސޯދަށް ބޭނުންވާވަރަށް ބޭރު ފައިސާ ނުވަންނަތާ ޑޮލަރުގެ އަގު މައްޗަށް ދާ ކަމަށް ވިދާޅުވިއެވެ.

"ތަކެތީގެ އަގު މި ރޭޓުން އުފުލިގެން ގޮސް، ދިވެހި ރާއްޖޭގައި ހައިޕާ އިންފްލޭޝަން، އެއީ ކޮންމެ ހަފުތާ އަކުން ފަންސާސް ޕަސެންޓަށް ތަކެތީގެ އަގު އުފުލުނީމާ، އާންމުކޮށް މާހިރުން އެ ހާލަތުގައި ބުނަނީ އެ އޮތީ ހައިޕާ އިންފްލޭޝަން އުފެދިފައޭ" ނަޝީދު ވިދާޅުވިއެވެ.

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ބޭންކުތަކަށް މާރުކުރުމަށް މަޖުބޫރުކުރުމަށް ނިންމާފައިވާ ނިންމުމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަދެގަތުމަކީ އިންވެސްޓަރުން ފަހަތަށް ޖެހި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.