ރާއްޖެއަށް ކެނަބިސް އެތެރެކުރި މައްސަލައިގައި އިންޑިއާއަށް ނިސްބަތްވާ މީހަކު އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނީ އެތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ ފަސްވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާގެ ފަސިންޖަރެއްގެ އަތުން ކަމަށެވެ.

އޭނާގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، ބަލައި ފާސްކުރިއިރު ބަރުދަނުގައި ޖުމުލަ 450 ގުރާމު ހުރި ކެނަބިސް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޓަފެޖުލް (29އ) އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ ހަވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ކޯޓުގައި އޭނާ ވަނީ ވަކީލަކު އައްޔަންކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. އެހެންކަމުން 15 ދުވަހަށް ބަންދުކުރި ނަމަވެސް ވަކީލެއް އައްޔަންކޮށްފިނަމަ، ބަންދު މުރާޖައާކުރަން ފުލުހުން ހުށަހަޅަންވާނެ ކަމަށް ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.