ވޯލްޑް ޓްރެވަލް އެވޯޑްސްގެ އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން އެޑިޝަންގެ އޮފިޝަލް ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ޕާޓްނާޝިޕް އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާއެވެ.
ވީއެމްސީން ބުނީ އޮފިޝަލް ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން އުރީދޫން އެ ކުންފުނީގެ ޑިޖިޓަލް ވަސީލަތްތަކާއި ކަނެކްޓިވިޓީގެ އެހީގައި މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ އައިސީޓީ ސޮލިއުޝަންތަކާއި، ކްލައުޑް ހިދުމަތްތަކާއި، ސެކިއުރިޓީ އަދި ޑޭޓާ ސެންޓަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އުރީދޫން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޞެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވަނީ މިފަދަ ބޮޑު ހަރަކާތެއް ބޭއްވުމުގައި އިތުބާރު ހުރި ޑިޖިޓަލް ކަނެކްޓިވިޓީގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި މި އިވެންޓްގައި ބައިވެރިވާ މަންދޫބުންނާއި ބައިވެރިންނަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް އުރީދޫއާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާ ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކާއި އީޖާދީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އުރީދޫން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިފަދަ ޝަރަފުވެރި ހަރަކާތެއްގެ ޕާޓްނަރަކަށް ވުމަކީ ކުންފުންޏަށް ލިބޭ ބޮޑު އުފަލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، އެންމެ ކުރިއަރާފައިވާ މަންޒިލްތަކާއި ބްރޭންޑްތަކުގެ އަގުވަޒަންކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑްގެ 2026 ވަނަ އަހަރުގެ އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން އެޑިޝަންގެ ރަސްމިއްޔާތު ރާއްޖޭގައި ބޭއްވުމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެ، "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން" ގެ ގޮތުގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ވީއެމްސީން ފާހަގަކުރެއެވެ.
ވޯލްޑް ޓްރެވަލް އެވޯޑް
ވޯލްޑް ޓްރެވަލް އެވޯޑް
ވޯލްޑް ޓްރެވަލް އެވޯޑް
ކޮމެންޓް