އުފަންވިތާ ތިން ދުވަސްވީ ތުއްތު ކުއްޖަކު، އެ ކުއްޖާގެ މަންމަގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ތަހުގީގު ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވީ، ވިހެއުމަށްފަހު ހޮސްޕިޓަލުގައި އޮއްވައި ދަރިފުޅު އަތުން އަތުލައި ދައުލަތަށް ގެންދިޔަ ކަމަށް ބުނެ، އުމުރުން 25 އަހަރުގެ މަންނަ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އެ މަންމަ ބުނެފައިވާ ގޮތުގައި، އޭނާގެ ހަށިގަނޑުގައި ހުރި ނުކުޅެދުންތެރިކަމަކަށާއި ނަފްސާނީ ހާލަތަށް ރިއާޔަތްކޮށް، ދަރިފުޅު ބެލުމުގެ ގާބިލުކަން ނެތް ކަމަށް ނިންމައި ދައުލަތުން ވަނީ އޭނާގެ ހައްގުތަކަށް އަރައިގަނެފައެވެ.
މިކަމާ ގުޅިގެން އެޗްއާރްސީއެމުން މިރޭ ބުނީ، މަންމަގެ ނުރުހުމުގައި ނުހައްގުން ކުއްޖާ ދައުލަތަށް ނަގާފައިވާ ކަމަށް ބުނާ މައްސަލައެއް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާތީ، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޖެންޑާ މިނިސްޓްރީން މި މައްސަލައިގައި ރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ކުއްޖާ ދައުލަތަށް ނެގުމުގައި އަމަލުކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި ކުއްޖަކު އާއިލާގެ ގާތުން ވަކިކުރަނީ، އެ ކުއްޖާގެ ރައްކާތެރިކަން އާއިލާގެ ތެރެއިން ކަށަވަރު ނުކުރެވޭނެ ފަދަ ހާލަތެއް އޮތް ނަމަ، އެކަނި ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަނުން އާއިލާއަށް ފޮނުވި ސިޓީގައިވާ ގޮތުން، ކައިވެނިން ބޭރުގައި ލިބުނު މި ކުއްޖާ ދައުލަތަށް ނަގަން ޖެހުނު ސަބަބުތަކުގެ ތެރޭގައި މަންމަގެ ދިރިއުޅުމުގެ މާހައުލާއި، ނަފްސާނީ ހާލަތުގެ އިތުރުން އަތުގެ ނުކުޅެދުންތެރިކަން ހިމެނެއެވެ. އަދި އާއިލާގެ ފަރާތުން ކުއްޖާއަށް އަޅާލާނެ އިތުރު ބަޔަކު ނެތުމަކީވެސް ކުއްޖާގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދުނު ކަމެއް ކަމަށެވެ.
މުހައްމަދު އިޝާން
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ކޮމެންޓް