ރަތް ކަނޑުގައި ޔަމަނުގެ ހޫތީން ދެމުންދާ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި، ސައުދީ އަރަބިއްޔާއިން މިސްރުގެ ސޫމެޑް ހޮޅި މެދުވެރިކޮށް މެޑިޓަރޭނިއަން ކަނޑަށް ތެޔޮ އެކްސްޕޯޓުކުރާ މިންވަރު އިތުރުކޮށްފިއެވެ.

މެރިޓައިމް އިންޓެލިޖެންސް ކުންފުނިތައް ކަމަށްވާ ކެޕްލަރ އަދި ވޯޓެކްސާއާ ހަވާލާދީ ސީއެންބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިސްރުގެ ސިޑީ ކެރީރް ބަނދަރުން ސައުދީން ތެޔޮ ބޭރުކުރާ މިންވަރު އޮގަސްޓު މަހު ވަނީ ދުވާލަކު 2.3 މިލިއަން ފީފާއަށް އިތުރުވެފައެވެ. މިއީ އޭގެ ކުރީ މަހާ އަޅައި ބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. ސޫމެޑް ހޮޅިއަކީ ރަތް ކަނޑުގެ އަޑިން ސުހްނާއިން ފެށިގެން މެޑިޓަރޭނިއަން އައްސޭރީގައި އޮންނަ ސިޑީ ކެރީރްއާ ގުޅުވައިދޭ ހޮޅިއެކެވެ.

މި ބަދަލު ގެންނަން ފަށާފައިވަނީ ޖުލައި 20 ވަނަ ދުވަހު ހޫތީން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުމަތީގެ ހިސާރުކުރުމެއް އިއުލާންކުރުމާ ގުޅިގެންނެވެ. އޭގެ ފަހުން ހޫތީން ވަނީ ސައުދީއާ ގުޅުން ހުރި ތެޔޮ ޓޭންކަރުތަކަށާއި ޔަންބޫގެ ތެޔޮ ފެސިލިޓީތަކަށް ހަމަލާދީފައި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ވޯޓެކްސާއިން ބުނާ ގޮތުގައި، ހަމަލާތަކުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ގިނަ ޓޭންކަރުތަކުން މިހާރު ދަތުރުކުރަމުންދަނީ ޓްރެކިން ސިގްނަލްތައް ނިއްވާލައިގެންނެވެ.

ސައުދީ އަރާމްކޯގެ ޗީފް އެގްޒެކެޓިވް އަމީން ނާސިރު ވިދާޅުވި ގޮތުގައި، ސޫމެޑް ހޮޅިއާއި ސުއޭޒް ކެނަލް މެދުވެރިކޮށް މެޑިޓަރޭނިއަންއަށް ތެޔޮ ފޯރުކޮށްދެވޭނެ ގިނަ މަގުތައް ސައުދީއަށް އެބައޮތެވެ. ނަމަވެސް، އެފްރިކާ ވަށައިގެން އޭޝިއާގެ ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދިނުމަށް އިތުރު 25 ދުވަސް ނަގާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކެޕްލަރގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ހޫތީންގެ އިއުލާނަށްފަހު ބާބުލް މަންދަބް ކަނޑުއޮޅި މެދުވެރިކޮށް ޔަންބޫއިން ބޭރުކުރި ތެލުގެ މިންވަރު ވަނީ 90 އިންސައްތަ ދަށަށް ގޮސްފައެވެ.