އީރާނުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެ އިސްރާއީލުން ފޯރުކޮށްދިން އިންޓެލިޖެންސް މައުލޫމާތަކީ ސައްހަކަން ކުޑަ މައުލޫމާތެއް ކަމަށް އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އިން ކަނޑައަޅައިފި ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފިއެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނި ގޮތުގައި، މި މައުލޫމާތަކީ އިސްރާއީލުން އަމިއްލައަށް އުފައްދައިގެން އެމެރިކާއާ ހިއްސާކުރި މައުލޫމާތެކެވެ. ސީއައިއޭގެ އެނަލިސްޓުން ވަނީ މިއީ އިތުބާރު ކުރެވޭ މިންވަރު ދަށް މައުލޫމާތެއް ކަމަށް ނިންމައި، އެކަމާ މެދު ސުވާލު އުފައްދާފައެވެ.

މި އިންޒާރާ ގުޅިގެން، މިދިޔަ މަހު ތުރުކީވިލާތުގެ އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓަށް ފަހު ޓްރަމްޕް ދަތުރުކުރެއްވި މަތިންދާބޯޓު ވަނީ ސިއްރުން ބަދަލުކޮށްފައެވެ.

ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް އެނބުރި ވަޑައިގަތުމަށް އެންމެ ފުރަތަމަ އެރުވީ އާންމުކޮށް ބޭނުންކުރާ “އެއާ ފޯސް ވަން” އަށެވެ. ނަމަވެސް އޭގެ ފަހުން ކޭޓަރިން ޓްރަކެއް މެދުވެރިކޮށް، ސިއްރުން އެހެން އަސްކަރީ މަތިންދާބޯޓަކަށް ވަނީ ބަދަލުކޮށްފައެވެ.

މިކަން ކަށަވަރުކޮށްދެއްވަމުން ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި، ބޯޓު ބަދަލުކުރެއްވީ އެމެރިކާގެ ސީކްރެޓް ސާވިސްއާއި އަސްކަރިއްޔާގެ އެންގުމުގެ މަތިންނެވެ. އަދި ދަތުރުކުރެއްވި އަސްކަރީ ބޯޓަށް ވުރެ ބޮޑަށް، ނޫސްވެރިންނާއެކު ފުރި “އެއާ ފޯސް ވަން” އަށް އޮތް ނުރައްކާ މާ ބޮޑު ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ސީއައިއޭއިން މި މައުލޫމާތާ މެދު ސުވާލު އުފެއްދި ނަމަވެސް، ސީކްރެޓް ސާވިސްއިން މި ފިޔަވަޅު އެޅީ ރައީސްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.