ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ތިން ބޭފުޅުން އައްޔަން ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ ކްރިމިނަލް ކޯޓަށް ގާޒީން ހޯދުމަށް މިދިޔަ ޖުލައި މަހުގެ ހަ ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން އެ ކަމަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު އެ ކޮމިޝަނަށް ދިން ލަފައާ ގުޅިގެން، އެ ކޯޓުގެ ގާޒީކަމުގެ މަގާމަށް ޅ. ކުރެންދޫ ނޫރާނީމާގެ، ސުލައިމާން މުހައްމަދު އާއި ހއ. ދިއްދޫ ޑޭޒީމާގެ، އަހްމަދު ތައުފީގުގެ އިތުރުން ތ. ވޭމަންޑޫ ޑްރީމް، މުހައްމަދު އަބްދުﷲ އައްޔަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ބޭފުޅުންގެ ތެރެއިން ސުލައިމާން މުހައްމަދު ވަނީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސްއިން ބެޗްލަ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލް ކުރައްވައިފައެވެ.

އަށެއް ސެޕްޓެމްބަރު 2017 އިން ތިނެއް ސެޕްޓެމްބަރު 2022 އަށް ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަގާމާއި ހަތަރެއް ސެޕްޓެމްބަރު 2022 އިން ފެށިގެން ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަގާމު ފުރުއްވަމުން ގެންދެވި ސުލައިމާން މުހައްމަދު ޝަރުއީ ދާއިރާގައި 12 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވެއެވެ.

އަހްމަދު ތައުފީގު ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން އިން ބެޗްލަ އޮފް ލޯސް އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން މާސްޓަ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލް ކުރައްވައިފައެވެ.

ޝަރުއީ ދާއިރާގައި 18 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އަހްމަދު ތައުފީގު ވަނީ އެޓާނީ ޖެނެރަލް އޮފީހުގައި އެސިސްޓެންޓް ސްޓޭޓް އެޓާނީގެ މަގާމާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާގެ މަގާމުގެ އިތުރުން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާގެ މަގާމު އަދާކުރައްވައިފައެވެ.

މުހައްމަދު އަބްދުﷲ އަކީ އިންޑިއާގެ ކަރުނާޓަކާ ސްޓޭޓް ލޯ ޔުނިވާސިޓީން ބެޗްލާ އޮފް އާޓްސް އެންޑް ބެޗްލާ އޮފް އެލްއެލްބީ އޮނާސް ހާސިލް ކުރައްވައިފައެވެ.

ޝަރުއީ ދާއިރާގައި އަށް އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ މުހައްމަދު އަބްދުﷲ ވަނީ ސެޕްޓެންބަރު 2017 އިން ފެށިގެން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގައި ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާގެ މަގާމު ފުރުއްވައިފައެވެ.