ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިސްކިތްތަކަށް ވަނުމުގައި ކުރިމަތިވާ ދަތިތަކާއި، އިހާނެތިކޮށް އަމަލުކުރާ މައްސަލަ ވީޑިއޯއެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅައިފިއެވެ.

މި ޝަކުވާ ރައީސަށް ހުށަހެޅީ އެ މަނިކުފާނު ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ވީލްޗެއާ ބޭނުންކުރާ ފާއިޒް ނަމަކަށް ކިޔާ މީހެކެވެ.

ފާއިޒް ބުނި ގޮތުގައި މާލޭގެ ސޮލާހުއްދީން މިސްކިތަށް ނަމާދަށް ވަންނަން އުޅުމުން، މިސްކިތް ހަޑިވެދާނެކަމަށް ބުނެ އެތަނުގެ މުވައްޒަފުން ވަނީ އޭނާއާ ދިމާލަށް ހުތުރުކޮށް ވާހަކަދައްކައި ދޮރު ބަންދުކޮށްފައެވެ.

"އަޅުގަނޑު ބުނިން ދޮރު ކައިރީ އަރިމަތީގައި ވެސް ބޭންދޭނެނުންތޯއޭ، ތިޔަބޭފުޅުންނަށް ފަހުން ސާފު ވެސް ކޮށްލެވޭނެނުންތޯއޭ. ބުނީމާ ވެސް، ބުނީ ނުވެއްދޭނެއޭ، ވީލްޗެއާ މީހުންނަކަށް މިއިން ޒަމާނަކު ވެސް މި މިސްކިތަކަށް ނުވެެއްދޭނެޔޯ،" ފާއިޒް ބުންޏެވެ.

ފާއިޒް ބުނި ގޮތުގައި މާލޭގެ އިތުރުން ހުޅުމާލޭގެ މިސްކިތަކުން ވެސް އޭނާއަށް ވަނީ މިފަދަ ހިތްދަތި ތަޖުރިބާއަކާ ކުރިމަތިލާން ޖެހިފައެވެ. މިސްކިތުން ދޮރު ބަންދުކުރުމުގެ ސަބަބުން މިހާރު މިސްކިތަށް ދިޔުން ހުއްޓާލައި، ނަމާދުކުރަނީ ގޭގައި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު މިސްކިތަކަށް މިހާރު ނުދަން، މިސްކިތުން އަޅުގަނޑަށް ދޮރު ބަންދުކޮށްލީތާ،" ފާއިޒް ބުންޏެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ހޯދުމުގައި ހުރި ދަތިތަކާއި، އެންސްޕާ މެދުވެރިކޮށް ލިބޭ ވީލްޗެއާގެ ފެންވަރު ދަށްވުމުގެ ކަންބޮޑުވުން ވެސް އޭނާ ރައީސާ ހިއްސާކުރިއެވެ.

ފާއިޒްގެ ޝަކުވާތައް އަޑުއެއްސެވުމަށްފަހު، ރައީސް މުއިއްޒު ވިދާޅުވީ އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ. އަދި ފާއިޒް ފާހަގަކުރި ކަންކަމަކީ މުހިއްމު ކަންތައްތަކެއް ކަމަށް ބަލައި، އެ މައްސަލަތަކަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"ތިޔަ ވިދާޅުވި ކަންތަކުގައި ވެސް މަަސައްކަތް ކޮށްދޭނަން އިނގޭތޯ ރަނގަޅު ގޮތެއް ވޭތޯ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ،" ރައީސް ވިދާޅުވިއެވެ.