ރާއްޖޭގެ އިގްތިސޯދީ ހާލަތު އިންތިހާއަށް ގޯސްވެ، ތަކެތީގެ އަގު ބޮޑުވަމުންދާ މި ދަނޑިވަޅުގައި، ސަރުކާރުން ބޮޑާނުވެ އިދިކޮޅު ފަރާތްތަކާ ވާހަކަދައްކައިގެން މައްސަލަތަކަށް ހައްލު ހޯދުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
އެމްޑީޕީން މިރޭ ބޭއްވި "ދަތިވެއްޖެ" މުޒާހަރާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 23 ރުފިޔާއަށް އަރާނެކަމަށް ބެލެވޭ ކަމަށެވެ. މީގެ ސަބަބުން ރާއްޖެ މިހާރު ދަތުރުކުރަމުންދަނީ "ހައިޕަ އިންފްލޭޝަން" އަކާ ދިމާލަށް ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތައް އިންތިހާއަށް އިތުރުވެފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ރިސޯޓުތަކުން ލިބޭ އާމްދަނީގެ 20 ޕަސަންޓް ބޭންކުތަކަށް މާރުކުރަން މަޖުބޫރުކުރުމަކީ ޓޫރިޒަމް ސިނާއަތަށް ލިބޭނެ ބޮޑު ގެއްލުމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.
"ވިހި ޕަސެންޓަކީ ފައިދާއެއް ނޫން. އިންވެސްޓަރުންނަކީ ބޭރުން ލޯނު ނަގައިގެން އައިސް ތިބި ބައެއް. އެ މީހުންގެ އަމިއްލަ ފައިސާއަށް ސަރުކާރުން މިގޮތަށް އަރައިގަތުމުން ޑޮލަރު އިތުރަށް މަދުވުން ނޫންކަމެއް ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކޮށްދިނުމަށް ގޮވާލައްވައިފައެވެ. އަދި އެކަން ކުރާނެ ގޮތުގެ ފަންނީ ގާބިލުކަން އެމްޑީޕީގައި އެބަހުރި ކަމަށާއި، ސަރުކާރުން ބޮޑާނުވެ އެހީތެރިކަމަށް އެދުމަށް ނަޝީދު ވިދާޅުވިއެވެ.
"ބޮޑާނުވާށޭ، އަޅުގަނޑުމެންނާ ވާހަކަދައްކާށޭ. އަޅުގަނޑުމެންނަށް އެނގެޔޭ އެ ފައިސާ ހޯދާނެ ގޮތް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ދަރަނި މިހާރު ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 130 ޕަސަންޓަށްވުރެ މަތީގައި ކަމަށެވެ. އަދި ދައުލަތުގެ ރިޒާވް އެއްކޮށް ހުސްވެފައިވަނީ، މި ސަރުކާރުން ކުރީގެ އެމްޑީޕީ ސަރުކާރުން ރައްކާކޮށްފައިހުރި ފައިސާ ބޭނުންކޮށްގެން ދަރަނި ދައްކަމުން ދިއުމުގެ ސަބަބުންކަމަށް ނަޝީދު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް