ޑޮލަރުގެ އަގު ހެޔޮނުވެ ކުރިއަށް އޮތީ އިގުތިސޯދީ ގޮތުން ދަތި ދުވަސްތަކެއް ކަމަށް ވިދާޅުވެ، އެ މައްސަލަތައް ހައްލުކުރަން ސަރުކާރުން އިތުރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ މާލީ އިދާރާތަކުން އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވައިފައެވެ. މާކެޓުގައި ދިވެހި ރުފިޔާ ގިނަވުމުން އިންޓްރެސްޓް ރޭޓަށް ބަދަލުު ގެނެސްގެން ފައިސާ ކޮންޓްރޯލް ކުރަން އުޅުމަކީ މައްސަލައިގެ އަސްލު ހައްލު ނޫންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފިޔަވަޅުތަކެއް އަޅައިގެން ދުވަސްކޮޅަކަށް ހިފަހައްޓާލެވުނު ނަމަވެސް، އިންވެސްޓް ކުރަން ބަލާއިރު ފައިސާގެ އަގު ބޮޑުވެގެން ދިއުމަކީ އެކަމުގެ ނޭދެވޭ އަސަރު އިގުތިސޯދަށް ކުރާނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރިސޯޓްތަކަށް ލިބޭ އާމްދަނީން ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމަކީވެސް އެންމެ އިންސާފުވެރި ގޮތް ނޫންކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ރިސޯޓްތަކަކީ ބޮޑެތި ލޯނުތައް ނަގައިގެން އިންވެސްޓްކޮށްފައިވާ ތަންތަން ކަމަށާއި، އެ ތަންތަނަށް ބޮޑެތި މާލީ އިލްތިޒާމްތަކެއް އޮންނަކަން ޔާމީން ވިދާޅުވިއެވެ. އިގުތިސޯދީ ހާލަތަށް ބަލައިނުލައި ގާނޫނުތަކުގެ ތެރެއިން ހުރިހާ ކަމެއް ކޮންޓްރޯލް ކުރަން އުޅުމުން ނުކުންނާނީ ނުކިއްސަރު ނަތީޖާއެއް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސަރުކާރަށް ގިނަ އަދަދަކަށް ޑޮލަރު ވަންނަމުންދިޔަ ނަމަވެސް، މައްސަލައަކީ އެ ފައިސާ ރަނގަޅަށް މެނޭޖް ނުކުރެވުން ކަމަށެވެ. އަދި މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން މުދަލުގެ އަގު ތިރިވެ، ޑޮލަރުގެ އަގު ހެޔޮވާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކޮމެންޓް