ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ މަދުވެގެން 100 ރަށެއްގައި ކައުންސިލް އިދާރާތަކުގެ އާ އިމާރާތްތައް ބިނާކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މިއަދު ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުން ކަމަށެވެ. ސަރުކާރާ ހަވާލުވެވަޑައިގެން ރަށްރަށަށް ކުރެއްވި ޒިޔާރަތްތަކުގައި ގިނަ ކައުންސިލް އިދާރާތައް ހުރީ ވަރަށް ނިކަމެތި ހާލަތެއްގައިކަން ފާހަގަކުރެވުނު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ބައެއް ރަށްރަށުގެ ކައުންސިލް އޮފީސްތަކަކީ ވެއްޓޭ ހިސާބުގައި ހުރި، އަދި އިންސާނުންނަށް ބޭނުންނުކުރެވޭ ފަދަ ހާލަތުގައި ހުރި ތަންތަން ނޫން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެއީ ގާނޫނީ ގޮތުން ރައްޔިތުންނަށް ހިދުމަތް ދިނުން މަޖުބޫރު ތަންތަން ކަމަށްވާތީ، އެކަމަށް ހައްލެއް ހޯދައިދިނުމަކީ މުހިންމު އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މިހާރު 55 ރަށެއްގައި ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫއު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. ބައެއް ރަށްރަށުގައި ނިންމުމުގެ މަރުހަލާގެ މަސައްކަތްތައް ހިނގަމުންދާ އިރު، އަންނަ އަހަރުގެ މެދުތެރެއަށް އެ ތަންތަން ބޭނުންކުރަން ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިތުރު 50 ރަށެއްގައި ކައުންސިލް އިދާރާ އެޅުމުގެ މަސައްކަތް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫއުގެ ގާނޫނީ އިޖުރާއަތްތައް ނިމުމުން، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެ އިމާރާތްތައްވެސް ނިމޭނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް