އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ކޮބާ ކަބާނާ"ގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ.

"ކޮބާ ކަބާނާ ސެންޓްރަލް"ގެ ނަމުގައި މާލޭގައި އައުޓްލެޓް ހުޅުވުމަށް މިއަދު މެންދުރުފަހު ބޭއްވި ހަފްލާއެއްގައި އެ އައުޓްލެޓް ހުޅުއްވައިދެއްވީ އެ އައުޓްލެޓްގެ ވެރިން ކަމަށްވާ ހުސައިން ސިރާޖާއި ނާއިފް އަބްދުއްރަހުމާނެވެ.

14 އޯގަސްޓް 2026، މާލެ، "ކޮބާ ކަބާނާ"ގެ އައުޓްލެޓެއް މާލޭގައި ހުޅުވުން -- ވަން ފޮޓޯ

މާލޭގައި ހުޅުވި "ކޮބާ ކަބާނާ ސެންޓްރަލް" ހުންނަނީ ރަށްދެބައިމަގު ބޮޑުފެންވަޅުގޭ ކުރިމައްޗަށްވާ ގޮތަށެވެ. މިހާރު ހެނދުނު 11:00 އިން ފެށިގެން މެންދަމު 1:45 އަށް މާލޭގެ ރެސްޓޯރެންޓު ހުޅުވިފައި ހުރި ނަމަވެސް، ރަސްމީކޮށް ހުޅުވުމަށްފަހު މާލޭގެ ރެސްޓޯރެންޓު ހުޅުވިފައި ހުންނަ ވަގުތުތައް އިތުރުކުރުމަށް ވަނީ ނިންމައިފައެވެ.

"ކޮބާ ކަބާނާ ސެންޓްރަލް"ގެ އެއް ވެރިޔާ އަދި ހުޅުމާލޭގައި ހުންނަ "ކޮބާ ކަބާނާ"ގެ ވެރިޔާ ހުސައިން ސިރާޖު، "ވަން" އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ، މާލޭގައި ހުޅުވި އައުޓްލެޓް ހާއްސަކޮށްފައިވަނީ ބާގާ އާއި ޕިއްޒާ ފަދަ ފާސްޓްފުޑްގެ ބާވަތްތަކަށް ކަމަށެވެ. ނަމަވެސް ހުޅުމާލޭގެ އައުޓްލެޓުން ލިބޭ އެންމެ މަގުބޫލު ދިހަ ބާވަތެއްގެ ކެއުމާއި ބުއިންތައް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ހުންނަ "ކޮބާ ކަބާނާ"ގެ އައުޓްލެޓް --

"ކޮބާ ކަބާނާ" ގެ އައުޓްލެޓެއް ހުޅުމާލޭ ފޭސް އެކެއްގެ ބީޗު ސަރަހައްދުގައި ފުރަތަމަ ހުޅުވާފައިވަނީ މީގެ ހަ އަހަރު ކުރިން، 2020 ވަނަ އަހަރުއެވެ. އެ އައުޓްލެޓުން އެވްރެޖުކޮށް މިހާރު ދުވާލަކު 100 އަށްވުރެ ގިނަ މީހުން ހިދުމަތް ހޯދައެވެ.

ސިރާޖު ވިދާޅުވީ މާލޭގައި އައުޓްލެޓެއް ހުޅުވުމަށް ވިސްނަވާފައިވަނީ، ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށާއި ހުޅުމާލޭ ފޭސް ދޭއްގައި ވެސް އިތުރު އައުޓްލެޓެއް ހުޅުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

"ކޮބާ ކަބާނާ" އައުލެޓްތަކާ ގުޅޭނެ ނަމްބަރުތައް:

  • ހުޅުމާލެ އައުޓްލެޓް، "ކޮބާ ކަބާނާ" - 9551515
  • މާލެ އައުޓްލެޓް، "ކޮބާ ކަބާނާ ސެންޓްރަލް" - 9822020