ރާއްޖޭގެ އިންޝުއަރެންސްއާބެހޭ ގާނޫނު ތަންފީޒުކުރުމަށްޓަކައި އެކުލަވާލަންޖެހޭ މުހިންމު ދެ ގަވާއިދެއްގެ ދެލިކޮޕީއަށް އާންމުންގެ ހިޔާލު ހޯދުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހުޅުވާލައިފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ އެ ދެލިކޮޕީތަކަކީ "އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ)" ގަވާއިދާއި "އިންޝުއަރެންސް (އާންމު މާއްދާތަކުގެ)" ގަވާއިދެވެ.
އެމްއެމްއޭއިން ބުނީ އެ ދެ ގަވާއިދުވެސް އެކުލަވާލާފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޝުއަރެންސް ކުންފުނިތަކާއި ކަމާގުޅުންހުރި އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާއި ހިޔާލު ހޯދުމަށްފަހު ކަމަށެވެ.
އިންޝުއަރެންސް ރިސްކާ ގުޅޭ ގަވާއިދުގައި ރާއްޖޭގައި ހުރި ރިސްކުތަކާއި، އެ ރިސްކުތައް ކަވަރު ކުރުމަށްޓަކައި ލައިސެންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއް ނޫން ފަރާތެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމާއި އެކަމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތްތައް ނިންމުމުގައި އަމަލުކުރަންޖެހޭނެ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ.
އެ ގަވާއިދުގައި ރިސްކުގެ ގޮތުގައި ފަސްކަމެއް ހިމަނާފައިވާއިރު، އޭގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުގައިވާ ބިމާއި، އުފުލޭ އަދި ނުފުލޭ މުދަލަށް ކުރިމަތިވާ ރިސްކުތަކާއި، ރާއްޖޭގައި ދިރިއުޅޭ މީހުންނާ ގުޅޭ ރިސްކުތަކާއި، ރާއްޖޭގައި ހުރި މުދަލާއި މީހުންގެ ލަޔަބިލިޓީއާ ގުޅޭ ރިސްކުތަކުގެ އިތުރުން ގާނޫނާ އެއްގޮތަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާ ގުޅޭ ރިސްކުތައް ވެސް ހިމެނެއެވެ.
އިންޝުއަރެންސްގެ އާންމު މާއްދާތަކާ ބެހޭ ގަވާއިދުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް ލައިސެންސް ދޫކުރުމުގައި ބަލާނެ ޝަރުތުތަކާއި، ކުންފުނިތަކުގެ ބްރާންޗްތަކާއި ސަބްސިޑަރީތަކަށް ލައިސެންސް ދިނުމުގެ އުސޫލުތަކެވެ. މީގެ އިތުރުން އިންޝުއަރެންސް ކުންފުނިތަކުން ބަހައްޓަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓާއި އިންޝުއަރެންސް ފަންޑް ގާއިމުކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތައްވެސް އެ ގަވާއިދުގައި ވަނީ ހިމަނާފައެވެ.
އެ ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ހިންގާ ކޮންމެ އިންޝުއަރެންސް ކުންފުންޏަކުންވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދެ މިލިއަން ރުފިޔާ ބަހައްޓަން ޖެހޭނެއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި އެ ގަވާއިދުތަކަށް އާންމުންގެ ހިޔާލު ހޯދުމުގެ މައިގަނޑު މަގުސަދަކީ އިންޝުއަރެންސް ދާއިރާގެ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް، ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.
މުހައްމަދު އިޝާން
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް