ބޭރުގެ އެކި އިމްތިހާންތަކުގެ ފީ ދެއްކުމާއި ތައުލީމީ ހިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވާ ނަމަ، އެ މުއާމަލާތުގެ ތަފުސީލު ހިއްސާކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެދިއްޖެއެވެ.

ބީއެމްއެލުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އޮންލައިންކޮށް ކުރާ ބައެއް މުއާމަލާތްތަކަށް ލިމިޓްތަކެއް ކަނޑައަޅާފައިވީ ނަމަވެސް، ތައުލީމީ، ސިއްހީ އަދި އަސާސީ ސަބްސްކްރިޕްޝަންތަކަށް ކުރާ ހަރަދުތަކަށް އެ ލިމިޓްތަކުގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ.

ނަމަވެސް ބައެއް ހާލަތްތަކުގައި މުއާމަލާތްތައް ޑިކްލައިންވާކަން ފާހަގަކުރެވިފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.

އެކަން ދިމާވާ ސަބަބާ ގުޅޭގޮތުން ބޭންކުން ބުނީ، އައިއީއެލްޓީއެސް (IELTS) ފަދަ ތައުލީމީ އިމްތިހާންތަކަށް ފައިސާ ދައްކާއިރު، އެ މުއާމަލާތް ހިނގަނީ ތައުލީމީ ދާއިރާގެ މާޗަންޓް ކޯޑުގެ ދަށުން ނޫންކަން ނުވަތަ ވަކި ކެޓަގަރީއެއް ކަނޑައެޅިފައި ނުވާ ކޯޑެއްގެ ދަށުންކަން ފާހަގަކުރެވޭ ކަމަށެވެ. މީގެ ސަބަބުން ސިސްޓަމުން އެއީ ތައުލީމީ މުއާމަލާތެއްކަން ދެނެގަތުމަށް ހުރަސް އެޅި، ޕޭމަންޓް ކެންސަލްވަނީކަމަށް ބީއެމްއެލުން ބުންޏެވެ.

އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، އެ މުއާމަލާތުގެ ތަފުސީލާއެކު ބޭންކަށް ހުށަހެޅުމުން އެ މުއާމަލާތް މުރާޖައާކޮށް، އެ ސައިޓަކުން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް ބީއެމްއެލުން ބުންޏެވެ.

ކިޔަވާ ކުދިންނާއި އާންމުންގެ އަސާސީ ބޭނުންތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމަކީ އެ ބޭންކުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްކަމަށް ބީއެމްއެލުން ބުންޏެވެ.

އެހެންކަމުން އެފަދަ މައްސަލަތައް ހައްލުކޮށްދިނުމުގައި ބޭންކުގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދޭކަމަށް ބީއެމްއެލުން ބުންޏެވެ.