2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ފޮރިން މިނިސްޓަރު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ އިއުލާނު ކުރައްވައިފިއެވެ.

ޝާހިދު ވަނީ އޭނާގެ ކެންޑިޑެންސީ އިއުލާނުކުރުމަށް އައްޑޫ ސިޓީގައި މިރޭ ޖަލްސާއެއް ބާއްވައިފައެވެ. އެ ޖަލްސާގައި ޝާހިދު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި، އެމްޑީޕީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވިކަންވެސް އާންމު ކުރައްވާފައެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ރާއްޖެ މިހާރު އޮތީ އިގުތިސޯދީ އަދި އިޖުތިމާއީ ގޮތުން ދަތި ހާލަތެއްގައި ކަމަށާއި، މި ހާލަތުން ގައުމު ސަލާމަތްކޮށް ރައްޔިތުން އެދޭ ފަދަ ބަދަލެއް ގެނެވޭނީ އެމްޑީޕީއަށް ކަމަށެވެ. އަދި އޭނާ ޕްރައިމަރީއަށް ނުކުންނަވަނީ 2028 ވަނަ އަހަރުގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމުގެ އަޒުމުގައި ކަމަށެވެ.

"މިއަދު ދިވެހިރާއްޖެ މި އޮތް ހާލަތު ބަދަލުކުރުމަށްޓަކައި ދިވެހި ރައްޔިތުންނާއި އެމްޑީޕީގެ އާއްމު މެންބަރުންނާ އެކު، އެއް ޖޯޝެއްގައި އެއް ރޫހެއްގައި އިތުރު ހިތްވަރަކާ އެކު މަސައްކަތް ކުރަން މި ވަނީ ޖެހިފައި. އެހެންކަމުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމުގެ އަޒުމުގައި، މާތް ﷲގެ ހަޒުރަތުން ވާގި އެދި ހުރެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އަޅުގަނޑު ނިންމައި އެކަން އިއުލާނުކުރަން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޕާޓީގެ ހުރިހާ ފިކުރެއްގެ މެންބަރުން ގޮވައިގެން ކުރިއަށް ދެވޭނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، އޭނާ ވާނީ ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ހާދިމަކަށް ކަމަށެވެ.

އެމްޑީޕީއަކީ ޑިމޮކްރެޓިކް އުސޫލުތަކަށް އިހުތިރާމްކުރާ ޕާޓީއަކަށް ވާއިރު، ޕާޓީގެ އިސް މަގާމެއްގައި ހުރެ އެތެރޭގެ އިންތިހާބެއްގައި ވާދަކުރުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ގަބޫލުނުކުރައްވާކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން، އިންތިހާބީ ފުރުސަތުތަކުގެ ހަމަހަމަކަން ދެމެހެއްޓުމުގެ ގޮތުން މަގާމުން ދުރުވީކަމަށް ޝާހިދު ވިދާޅުވިއެވެ.

ދިގު ސިޔާސީ ތަޖުރިބާއެއް ހުރި ޝާހިދަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ފުރަތަމަ ދިވެހި ބޭފުޅާވެސް މެއެވެ. މީގެ ކުރިން ޑީއާރުޕީގައި އިސްކޮށް އުޅުއްވި ޝާހިދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރައްވައިފައެވެ.