ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން، މާދަމާގެ ނިޔަލަށް މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު ބަލައި ނިމޭނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
"ފްރެންޑް 4" ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލިފައިވަނީ ޕޮލިސް ސާޖަންޓް އަލީ ނާފިއު (33އ)، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހްމަދު (39އ) އަދި ދޯނީގެ ކެޕްޓަން ތ. މަޑިފުށީ، މުހައްމަދު ހަމްދޫން (35އ) އެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އެ ހާދިސާއަށް މިއަދަށް އަށް ދުވަސް ވެފައިވާއިރު، އަދިވެސް އެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށް ވައިގެ މަގުން 9,920 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 2,790 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހުވަދޫ ކަނޑުގެ އިތުރުން ގއ. އަތޮޅާއި ލ. އަތޮޅުގެ ފަރުތައްވެސް ހިމެނޭކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ދޯނި އަޑިއަށް ގޮސްފައިވަނީ 1,600 މީޓަރަށްވުރެ ފުން ސަރަހައްދަކަށެވެ. މިއީ އާދައިގެ ސަބްމެރިންތަކަށްވެސް ނުދެވޭހާ ފުން ސަރަހައްދެއް ނަމަވެސް، ޒަމާނީ ޔޫއޭވީ ޑްރޯންތަކާއި ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުންކޮށްގެން ރޭދުވާލު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި ބައެއް މީހުން ވަނީ ސަލާމަތްކުރެވިފައެވެ. އޭގެ ތެރޭގައި ސިފައިންނާއި، ފުލުހުންގެ އިތުރުން ދޯނީގެ ފަޅުވެރިން ހިމެނެއެވެ. އެމްއެންޑީއެފުން ވަނީ މި ނުރައްކާތެރި ވަގުތުގައި އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކޯސްޓްގާޑުގެ ޑައިވަރުންނާއި، ގެއްލުނު ސިފައިންނާއި ފުލުހުން އަދި ކެޕްޓަން ހަމްދޫން ދެއްކެވި ހިތްވަރާއި ގައުމީ ހިދުމަތުގެ ރޫހަށް ފާހަގަކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ އޮޔާއި ވަޔަށް ބަލައިގެން ކުރިއަށްގެންދާ ސާޗު އޮޕަރޭޝަންގެ މަސައްކަތުގެ ތެރެއިން މާދަމާ މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައި ނިންމާލެވޭނެ ކަމަށެވެ.
މުހައްމަދު އިޝާން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
ކޮމެންޓް