މެދުއިރުމަތީގައި ތިބޭ އެމެރިކާގެ ސިފައިން އެ ސަރަހައްދުން ފޭބުން އަވަސްކުރުމަށް، އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ސިޔާސަތާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް އަޒީޒީ މިއަދު ގޮވާލައްވައިފިއެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަޒީޒީ މިކަމަށް ގޮވާލެއްވީ އީރާނުގެ ދެކުނުގައި އޮންނަ ޝީރާޒްގައި އިއްޔެ ކުރި ހުކުރު ނަމާދުގެ ކުރިން ދެއްކެވި ވާހަކައިގައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމެރިކާގެ އަސްކަރީ ފައުޖުތައް މެދުއިރުމަތީގައި ތިބުމުގެ ސަބަބުން ސަރަހައްދަށް ލިބެނީ ނުތަނަވަސްކަމާއި ނުރައްކާތެރިކަމެވެ. އެހެންކަމުން، އެއްވެސް ޝައްކެއް ނެތް ގޮތުގައި އެމެރިކާއިން އެ ސަރަހައްދު ދޫކޮށް ދާން ޖެހޭނެ ކަމަށާއި، ސިފައިން ބޭލުމުގެ މަސައްކަތް އަވަސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރަހައްދުގެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެރިކާއަށް ބަރޯސާ ނުވުމަށް އަޒީޒީ ވަނީ ސަރަހައްދުގެ ގައުމުތަކަށް ގޮވާލައްވައިފައެވެ. ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަޒީޒީގެ މި ވާހަކަތަކަކީ މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރު އޮންނަ އޮތުމާ ދެކޮޅަށް އީރާނުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދެއްކެވި ވާހަކަތަކެކެވެ.

މި ވާހަކަތައް ދައްކަވާފައި މިވަނީ، މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ކުރިއަށްދާ ވަގުތެއްގައެވެ. ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ އަސްކަރީ މަނަވަރު “ޔޫއެސްއެސް އަބްރަހަމް ލިންކަން” ފާއިތުވި ނުވަ މަސް ދުވަހު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު، އެ މަނަވަރުގެ ބަދަލުގައި “ޔޫއެސްއެސް ޖޯޖް ވޮޝިންގްޓަން” އެ ސަރަހައްދަށް ފޮނުވުމަށް އެމެރިކާއިން ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ރަސްމީ ފަރާތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.