މުދާ އުފުލާ ސަޕްލައި ދޯނި "ފްރެންޑް 4" އަޑިއަށްދިޔަ ހާދިސާގައި ގެއްލިފައިވާ ސާޖަންޓް އަލީ ނާފިއުގެ އާއިލާއާ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ބައްދަލުކުރައްވައިފިއެވެ.

ފުލުހުން ރޭ ބުނީ މި ބައްދަލުވުމަކީ ސާޖަންޓް ނާފިއު ހޯދުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު އާއިލާއަށް ހިއްސާކުރުމަށާއި، މި ދަނޑިވަޅުގައި އާއިލާއަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ސާޖަންޓް ނާފިއުގެ އާއިލާ ދިރިއުޅޭ ގެއަށް މިދިޔަ ބުދަ ދުވަހު ޒިޔާރަތްކޮށް ބޭއްވި މި ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު އަދި ފުލުހުންގެ އިސް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފުލުހުން ބުނީ މި ބައްދަލުވުމުގައި ސާޖަންޓް ނާފިއުގެ އަންހެނުންނާއި ދަރިފުޅުގެ އިތުރުން އާއިލާގެ އެހެން މެމްބަރުންނާ ބައްދަލުކުރައްވައި، ކެތްތެރިކަން ދެއްވުން އެދި އިސްވެރިން ހިތްވަރުދެއްވާފައިވާ ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ، ހާދިސާގެ ހަބަރު ލިބުމާއެކު އެރޭ ދަންވަރުން ފެށިގެން އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން، ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގެ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހިއްސާކުރައްވާފައިވާ ކަމަށާއި، މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސް ދުއާކުރައްވައި އާއިލާއަށް ހިތްވަރުދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދަކީ 1650 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ވާތީ، ރާއްޖޭގައި ހުރި ވަސީލަތްތަކުން އެ ހިސާބަށް ނުދެވޭތީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވިދާޅުވީ، ސާޖަންޓް ނާފިއު މަސައްކަތްކުރެއްވީ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަތިވެރި އަޒުމުގައި ކަމަށެވެ. އަދި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވަމުން، މި މަސައްކަތުގައި ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި އެއްވެސް ކަމެއް ދޫކޮށްނުލައްވާނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ހާދިސާ ތަހުގީގުކުރުމަށް މާލެއިން ހާއްސަ ޓީމެއް ފޮނުވާފައިވާ ކަމަށާއި، އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަންވެސް ކުރިއަށްދާ ކަމަށް ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިމަހުގެ ދެވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ދޯނި، ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް މިމަހުގެ ފަސްވަނަ ދުވަހުގެ ރޭގައެވެ. ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވުނު ނަމަވެސް، ދޯނީގެ ކެޕްޓަން ތ. މަޑިފުށީ، މުހައްމަދު ހަމްދޫން (35އ) އާއި ފުލުހުންގެ ސާޖަންޓް އަލީ ނާފިއު (33އ) އަދި އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހީމް އަހުމަދު (39އ) ވަނީ ގެއްލިފައެވެ. މި ހާދިސާއަށް މިހާރު އަށް ދުވަސް ވެފައިވާ އިރު، އަދިވެސް އެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން އިއްޔެ ބުނީ އިއްޔެ އިރުއޮއްސި 6 ޖެހުމާ ހަމައަށް ވައިގެ މަގުން 9,920 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 2,790 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހުވަދޫ ކަނޑުގެ އިތުރުން ގއ. އަތޮޅާއި ލ. އަތޮޅުގެ ފަރުތައްވެސް ހިމެނޭކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ދޯނި އަޑިއަށް ގޮސްފައިވަނީ 1,600 މީޓަރަށްވުރެ ފުން ސަރަހައްދަކަށެވެ. މިއީ އާދައިގެ ސަބްމެރިންތަކަށްވެސް ނުދެވޭހާ ފުން ސަރަހައްދެއް ނަމަވެސް، ޒަމާނީ ޔޫއޭވީ ޑްރޯންތަކާއި ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުންކޮށްގެން ރޭދުވާލު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އޮޔާއި ވަޔަށް ބަލައިގެން ކުރިއަށްގެންދާ ސާޗު އޮޕަރޭޝަންގެ މަސައްކަތުގެ ތެރެއިން މިއަދު މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައި ނިންމާލެވޭނެ ކަމަށެވެ.