އީރާން ބަލިކުރުމަށްފަހު ހޮރުމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް ކަނޑައަޅުއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވައި، އެ ކަނޑުއޮޅި އަބަދުވެސް އޮންނާނީ އީރާނުގެ ބާރުގެ ދަށުގައި ކަމަށް އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ގަރީބާބާދީ މިއަދު ވިދާޅުވެއްޖެއެވެ.

ނިއުޔޯކްގައި ހުކުރު ދުވަހު ބޭއްވި ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އީރާން ބަލިކުރުމަށްފަހު، ވަރަށް އަވަހަށް ހޮރުމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް އިއުލާންކުރައްވާނެއެވެ.

މީގެ އިތުރުން، އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުނަ ނުދިނުމަށްޓަކައި ތެލުގެ އަގު ބޮޑުވި ނަމަވެސް އެކަން ގަބޫލުކުރުމަށް ޓްރަމްޕް ވަނީ އެމެރިކާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދުދެއްވައި، އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ގަރީބާބާދީ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޮރުމުޒް ކަނޑުއޮޅިއަކީ އީރާނުގެ ތަނެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެތަން އޮންނާނީ އީރާނުގެ ބާރުގެ ދަށުގައި ކަމަށެވެ. އެ ކަނޑުއޮޅި ހުޅުވުމާއި ބަންދުކުރުމުގެ ކަންކަން ކުރިއަށްދާނީ ހަމައެކަނި އީރާނުން އަންގާ ގޮތެއްގެ މަތީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން ދައްކާ ބިރަކަށް އީރާނުން ފަސްނުޖެހޭނެ ކަމަށް ގަރީބާބާދީ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓަކުން، ނުވަތަ އިންތިހާބީ ކެމްޕެއިނެއްގައި ދައްކާ ވާހަކައަކުން، އަދި އަސްކަރީ މަނަވަރެއް ފޮނުވައިގެންވެސް ހޮރުމުޒް ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަކަށް ނުގެންދެވޭނެއެވެ.