ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށާއި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ އަލްއުސްތާޒް އަހްމަދު ޝާކިރު (ކަށިމާ ޝާކިރު) އަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އަރުވައިފިއެވެ.
ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް ޝާކިރަށް އެރުއްވީ ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
ޝާކިރަށް އެ ޝަރަފު އަރުވާފައިވަނީ ދިވެހި ގައުމީ ބަހާތަކަށް އަދި ރާއްޖޭގެ ތާރީހަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައި، އިހުލާސްތެރިކަމާއެކުގައި ކޮށްދެއްވާފައިވާ 41 އަހަރަށްވުރެ ދިގު މުއްދަތުގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ކަށިމާ ޝާކިރު، ސަރުކާރުގެ ހިދުމަތް ކުރައްވަން ފެއްޓެވީ 1969ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. ސަރުކާރުގެ ހިދުމަތުން ވަކިވެވަޑައިގަތީ 2010 ވަނަ އަހަރުގެ ތެރޭގައެވެ.
ކަށިމާ ޝާކިރު އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި:
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގެ ވަކީލު ކަމުގެ މަގާމް
- ޝިޕިން މާސްޓަރު ކަމުގެ މަގާމް
- ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމް
- ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމް
- ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމާއި އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމާއި އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމް
- ސަރުކާރުގެ ހިދުމަތުން ވަކިވެވަޑައިގަތުމަށްފަހު، 12 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ވިލާކޮލެޖުގައި ކިޔަވައި ދެއްވައި، ސީނިއާ ކަރިކިއުލަމް ޑިވެލޮޕާއެއްގެ މަގާމުގައި މަސައްކަތް ކުރެއްވި
- ރައްޔިތުންގެ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަން
- ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަން
1970ގެ އަހަރުތައް ފެށުނުތަނާހެން ރާއްޖެއިން ރޯމަސް ގަންނަން އައި ޖަޕާނުގެ މަރުބޭނީ ކޯޕަރޭޝަންގެ ހޯކޯމާރޫ 56 އަށް ސަރުކާރުން ފޮނުއްވި ދިވެހި ފަސް އޮފިޝަލުންގެ ތެރޭގައި ވެސް ޝާކިރު ހިމެނިވަޑައިގަތެވެ. އެ ފުރުސަތު ހިމެނިގެން ދިޔައީ، ދިވެހިބަހުގެ އަދަބިއްޔާތުގެ ލިޔުންތެރިކަމާއި ތަރުޖަމާކުރުމާއި ޅެން ހެއްދެވުމުގެ ރޮނގުން ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގެންނެވި އިތުރު ފުރުސަތެއް ކަމުގައެވެ.
އަހްމަދު ޝާކިރު ވަނީ އޭރުގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރިކިލެގެފާނުގެ ބެއްލެވުމުގެ ދަށުން ހިންގަވަމުން ގެންދެވި އޭޓީއޭ (އަތިރީ މާފަންނުގޭ ޓްރޭޑިން އެކައުންޓް)ގެ ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އަދި އޭގެފަހުން އެމްޖީބީއެސްގެ އެކައުންޓްސް ޑިވިޒަން އުފައްދަވައި، އެތަނުގެ ސެކްރެޓަރީއަކަށް ބަދަލު ކުރެއްވިއެވެ.
"ދޮންހިޔަލައާއި އަލިފުޅު"، "ހިތިޑޮލަރު"، "ބަރާބަރު އެޖެންޓް"، "މާމުއި ހަނދު"، "މުށުންދޫވި ގުމްރީ"، "ތަރާގަނޑުގެ ކަށިގަނޑު" ފަދަ ފިލްމުތަކާއި ޑްރާމާތަކަކީވެސް ޝާކިރުގެ ސްކްރިޕްޓާއި، ސްކްރީންޕްލޭއާއެކު ތައްޔާރު ކުރެވިގެންދިޔަ ފިލްމުތަކާއި ޑްރާމާ ތަކެކެވެ.
ކަށިމާ ޝާކިރުގެ ހުނަރު ތަފާތު ދާއިރާތަކުން ފެނިފައިވާ އިރު، ވާހަކަ ދެއްކުމުގެ ފަންނުގައިވެސް ޝާކިރު ވަނީ، އެންމެ މަތީވަނަތައް ހާސިލްކުރައްވާފައެވެ.
އޭގެ އިތުރުންވެސް ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ކުރިޔަށްގެންދިޔަ ވާހަކަދެއްކުމުގެ މުބާރާތާއި ޅެން ހެދުމުގެ މުބާރާތާއި ޅެން ހުށަހެޅުމުގެ މުބާރާތާއި ފޮތް ލިޔުމުގެ މުބާރާތް ފަދަ މުބާރާތްތަކުން ރަންވަނަތަކެއް ހާސިލު ކުރައްވާ=ައު، އޭރުގެ ރައީސް ދެއްވި އެންމެ ގިނަ އިނާމު ހާސިލު ކުރެއްވި އެއްބޭފުޅަކަށް ކަށިމާ ޝާކިރެވެ.
ރައީސް މައުމޫނުގެ ހިދުމަތުގެ ފުރަތަމަ 15 އަހަރުގެ ތާރީހު ފޮތްތައް ލިޔުއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި "ވިހިވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެ" މި ނަމުގައި 640 ސަފުހާ ހިމެނޭ އެއްގަރުނުގެ ތާރީހު ފޮތާއި މި ސީރީޒްގެ އިތުރު ފަސް ވޮލިއުމް ވެސް ލިޔުއްވިއެވެ.
އޭގެ އިތުރުން، އިސްލާމިކް މިނިސްޓްރީގެ އެދުމަކަށް ލިޔުއްވި "އިސްލާމްދީނުގެ އަލިކަން ދިވެހިރާއްޖެއަށް ފެތުރެމުން އައިގޮތް" މި ފޮތާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިޔުއްވައިދެއްވި "ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު" ފޮތާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިޔުއްވައިދެއްވި "ދިވެހިރާއްޖޭގެ ފައިސާގެ ތާރީހު" ފޮތް ފާހަގަކޮށްލެވެއެވެ.
ޝާކިރު ލިޔުއްވާފައިވާ ބައެއް ފޮތްތައް:
- ރާއްޖޭގައި ރޭޑިޔޯގެ ހިދުމަތް ފެށިގެން އައިގޮތުގެ ތާރީހު ފޮތް
- ރާއްޖޭގެ އެއާޕޯޓުގެ ތާރީހު ފޮތް
- ރާއްޖޭގައި އޮޑިޓްގެ ހިދުމަތް ފެށިގެން އައިގޮތް
- މާލީ ވުޒާރާ އުފެދިގެން އައިގޮތް ދައްކައިދޭ "ބަނޑޭރި" ތާރީހު ފޮތް
- ސްޓެލްކޯއަށް 75 އަހަރު ފުރުމާ ގުޅިގެން ލިޔުއްވައިދެއްވި "ދިހުން އަރައިފައިވާ ދުނިޔެއަކުން ވިލުނު އަލިކަމުގެ ތެރެއިން ސްޓެލްކޯ އަލިމަސް ޔޫބީލާ ދިމާއަށް ކުރި ދަތުރު" ފޮތް
- "މަޖީދިއްޔާ ސްކޫލްގެ 75 އަހަރުގެ ތާރީހު ފޮތް"
- ބައެއް އަތޮޅުތަކުގެ ރަށްރަށުގެ ތާރީހު ފޮތްތައް
- އެކިއެކި ބޭބޭފުޅުންގެ ބައޮގްރަފީ: ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު، އަލްމަރުހޫމް އުމަރު ޒާހިރު، އަބްދުﷲ ސޯދިގު، އަލްމަރުހޫމް ސައިކުރާ އިބްރާހީމް ނައީމް.
- "ދިވެހިރާއްޖޭގެ ސިޔާސީ ތާރީހު"،
- "އުސްތާޒުނާއި އާލިމުން އުދަބާއުނާއި ޝާއިރުން"
- "ހުނަރުވެރިކަމާއެކު ވާހަކަދެއްކުން"
އަލްއުސްތު ޝާކިރުގެ ތަޖުރިބާ އާއި އެހީތެރިކަން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށްވެސް ވަނީ ދެއްވައިފައެވެ. ހައްޖު ކޯޕަރޭޝަން އުފެއްދެވުމަށްފަހު، އެންމެ ފުރަތަމަ އެ ކޯޕަރޭޝަނުން މީހުން ހައްޖަށް ގެންދެވި ދެ އަހަރު ކަމަށްވާ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު، މާލެ އާއި މައްކާ އާއި މަދީނާގައި ހުރިހާ ކަމެއް ރާއްވަވައިދެއްވައި، އިދާރީ ހުރިހާ ކަމެއްވެސް އިންތިޒާމު ކުރާނޭ ގޮތުގެ މައުލޫމާތު ދެއްވައި، ހައްޖުވެރިންނާއެކުގައި އެ ދެ ދަތުރުގައި ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ކަށިމާ ޝާކިރުގެ ތައުލީމީ ސަނަދުތައް އަދި އިތުރު ހިދުމަތްތައް:
- ބެޗްލާ އޮފް ޝަރީއާ އެންޑް ލޯގެ (އޮނާސް) ޑިގްރީ ޕުރޮގްރާމް
- ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދެއްވައިފައިވާ ބޭބޭފުޅުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ
- މާސްޓާ އޮފް ޝަރީއާގެ ޑިގްރީ
- ވިލާ ކޮލެޖުން ބެޗްލާ އޮފް ލޯ ޕުރޮގުރާމާއި މާސްޓާ އޮފް ޝަރީއާ ޕްރޮގުރާމް ފުރިހަމަ ކުރެއްވި
- ޑިގްރީ ކުލާސްތަކަށާއި މާސްޓާސް ކުލާސްތަކަށް ކިޔަވައި ދެއްވާ
ޝާކިރަށް ލިބިލެއްވި އިނާމުތައް:
- ތަމްސީލު ކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 1985 ވަނަ އަހަރު
- 1993 ވަނަ އަހަރު ނޫސްވެރިކަމަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން ރައީސް ދެއްވި ރިހިގަލަން.
- ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާއިން، ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2002 ވަނަ އަހަރު ލިބިވަޑައިގެންފައިވޭ.
- ދިވެހި ތާރީހުގެ ދާއިރާއިން ތާރީހާ ބެހޭ ފޮތް އެކުލަވައިލައި ލިޔެ ޝާއިއު ކުރުމުގެ ރޮނގުން 2016 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަދި ދިވެހި ތާރީހަށް ހިދުމަތް ކުރުމުގެ ރޮނގުން ދިވެހިބަހުގެ އެކެޑަމީއިން ދެއްވި "ހަސަން ތާޖުއްދީންގެ އެވޯޑް" 2017 ވަނަ އަހަރު ލިބިވަޑައިގެންފައިވޭ.
- 2025 ވަނަ އަހަރު ޝާރުޖާ އިންޓާނޭޝަނަލް ނެރޭޓާސް ފޯރަމްގެ ޝަރަފުވެރި ރާވީގެ މަގާމު ހާސިލު ކުރައްވައި، ޝާރުޖާގެ އަމީރު ސާހިބުއްސުމުއްވު އައްޝައިހް އައްދުކްތޫރު މުހައްމަދު ބިން ސުލްތާން އަލްގާސިމީގެ އަތްޕުޅުން ފަހުރުވެރި އެވޯޑްވެސް ހާސިލު ކުރައްވައިފައިވޭ
- ކުޑަކުދީން ކިޔާހިތްވާ ކަހަލަ ފޮތް ސަރުކާރުން ގަބޫލު ކުރައްވާ ފެންވަރަށް ލިޔުއްވައިގެން ރައީސްގެ އިނާމު 1999 ވަނަ އަހަރު ހާސިލު ކުރައްވައިފައިވޭ
މިއަދު ކަށިމާ ޝާކިރު ހުންނެވީ، ރައީސް މުއިއްޒު އުފައްދަވައިފައިވާ ދިވެހި ގައުމިއްޔަތުގެ އިސްވަރު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދިވެހި ތާރީހުގެ އިސްވާރެވެ. އަދި ރައީސް އުފައްދަވައިފައިވާ ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގައެވެ.
ފާތިމަތު ލިއުޝާ
ހއ. އުތީމު
ހއ. އުތީމު
ހއ. އުތީމު
ހއ. އުތީމު
ކޮމެންޓް