ގައުމާ ދިމާޔަށް ދިވެހި ހުރިހާ ރައްޔިތުންގެ ހިތްތަކާ ނިތްތައް ސީދާކުރަން ރައީސް އިލްތިމާސްކުރައްވައިފިއެވެ.
ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަބޫބަކުރު ރަސްގެފާނާއި އަލިރަސްގެފާނާއި މުޅި ދިވެހިރައްޔިތުން އިސްކުރެއްވީ ގައުމާއި ދިވެހި ގައުމީ ވިސްނުން ކަމަށެވެ. ދިވެހީންގެ ރާއްޖެ އާއި މާތްވެގެންވާ އިސްލާމްދީން ކަމަށެވެ.
"ހަސަން ރަސްގެފާނު އެ ގެންގުޅުއްވާ ގައުމާ ދީނާ އިދިކޮޅު ވިސްނުމަށް ފާޅުގާ ނޫނެކޭ ވިދާޅުވި. ދިވެހި ރައްޔިތުން ވެސް ނެންގެވީ ގައުމީ ފަޅި. ގައުމަށް ހެޔޮ އެދުމުގެ ފަޅި. އެހެންވީމާ ގައުމީ ދުވަސް އަޅުގަނޑުމެންނާ ބައްދަލު ކުރި އެއް ސަބަބަކީ މި ކަންކަން ހަނދާންކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމީ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރީ ދިވެހި ފަހުރުވެރި ކާބަފައިންނެކޭ އެއް ފަދައިން، ގައުމީ ލޯބިން ހިތްތައް ފުރާލަން ދަސްކޮށްދޭން ކަމަށާއި ގައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބު ހަނދާންކޮށްދޭން ކަމަށެވެ.
ރައީސް ގައުމީ ދުވަސް ބުނެދޭ އަނެއް ހަގީގަތަކީ ގައުމީ ދުވަހުގެ ބަތޮލަށް މުޅި ރާއްޖޭން ފުރިހަމަޔަށް ދެމުން އައި ފުރިހަމަ އިޖާބަ ކަމަށެވެ. އެކަމުގައި އެކުލެވިގެންވާ އަގުހުރި ގައުމީ ފިލާވަޅު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ މުޅި ރާއްޖޭގެ ވިސްނުމަކަށް ވާންވީ، މި ލޮބުވެތި ފަސްގަނޑުގެ ހައްގުގައި އަޅުގަނޑުމެން އެ މަތިވެރި އަޖުދާދުންގެ ހަރުދަނާ އަމަލުތަކުން ފިލާވަޅު ލިބިގަތުން. އެ ގޮތުގައި، ގައުމީ ވިސްނުމުގައި، ފިޔަވަޅުތައް ކުރިޔަށް އަޅަމުންދިޔުން. އަބަދުވެސް ގައުމާ ދިމާޔަށް އަޅުގަނޑުމެންގެ ހިތްތަކާ ނިތްތައް ސީދާކުރުން. އެގޮތުގައި އެއް ރޫހެއްގައި އެއް އަޒުމެއްގައި އެއް އަމާޒެއްގައި އެއް ބައެއްގެ ގޮތުގައި ދެމި ތިބުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމީ ދުވަހުގެ ކާބަފައިން އަޅުގަނޑުމެންނަށް ދައްކައިދޭ އަނެއް ހަގީގީ މަންޒަރަކީ މަދު މީހަކު ގޯޅި އަޅައިގެން ދިޔަޔަސް، ތަފާތު އެކި ފެންވަރުގައި ދިވެހީންނަކީ ދިވެހި ކާބަފައި އަޖުދާދުންނަކީ އަބަދުވެސް ގައުމީ ވިސްނުން އިސްކުރި ބައެއްކަން ކަމަށެވެ. ގައުމުގެ ހައްގުގައި ލެޔާއި ދާ އޮހޮރާލުމަކީ ދިވެހި ގައުމީ ސިފައެއް ކަމަށާއި އެކަމުގައި ވަކި ފަންތިއެއް ގިންތިއެއް ތަފާތެއް ނޯންނަކަން ހާމަކޮށްދިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް