ދިވެހި ވެއްޓާއި ދިވެހީންގެ ރާއްޖެ އަދި ދިވެހީންގެ ގައުމު ދިވެހީންނަށް ވަރަށް ފުންކޮށް އެނގެން ޖެހޭ ކަމަށާއި އެކަމުގެ އިލްމު ކުދިންނަށް ދޭންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ކަނޑަކީ ބޮޑު ތަނަވަސް ކަނޑެއް ކަމަށާއި ދިވެހީންނަކީ ކަނޑުގެ ދަރީން ކަމަށެވެ.

"އުތީމު މަހާރަދުންގެ ސީރަތުން ދުށީ ކަނޑުމައްޗަށް އަހުލުވެރިވެވަޑައިގަތުން. އެ ޒަމާނަށް ބޭނުންވާ އިލްމު ހޯއްދެވުން. ނިޔަމިކަން ދަސްފުޅުކުރެއްވުން. ރާއްޖޭގެ ޖިއޮގްރަފީގެ އިސް މާލިމީއަކަށް ވެވަޑައިގަތުން، މި ކަމުން ލިބޭ ފިލާވަޅަކީ އެ ޒަމާނަކާ ގުޅޭ އިލްމާ ހުނަރު އަޅުގަނޑުމެންގެ ކުދީންނަށް ދޭން ޖެހޭނެކަން. އަދި މިއީ ދިވެހީންކަން. ދިވެހި ވެށި، ދިވެހީންގެ ރާއްޖެ، ދިވެހީންގެ ގައުމު ދިވެހީންނަށް ވަރަށް ފުންކޮށް އެނގެން ޖެހޭނެކަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުތީމު މަހާރަދުންގެ ހާއްސަ އަނެއް ހުނަރަކީ އެ ރަދުންގެ ޑިޕްލޮމަސީ ކަމަށާއި އެ ރަދުން ޕޯޗުގީޒުންނާ ކަވާސާވެވަޑައިގަތް ގޮތް ކަމަށެވެ. ދިވެހީންނެކޭ އެއް ގޮތަށް، އެމީހުންގެ ވެސް އިތުބާރު ހޯދި ކަމަށާއި އެމީހުންނާ އެކު އޮމާން ގުޅުމެއް ބާއްވަވައިގެން، ކަޅުއޮއްފުންމި ބަންނަވައި ސިއްރު ގޮތުގައި ހަނގުރާމައަށް ތައްޔާރުވެވަޑައިގަތް ކަމަށެވެ.

"މި ކަމުން އެނގެނީ އަޅުގަނޑުމެން ބޭރު ބާރުތަކުގެ ތެރޭގައި ގިރިގެން ގޮސްގެން ނުވާނެކަން. ދިވެހީންނަކީ އިސްލާމުންނަކީ އެއަށް ވުރެ މާ ހަރު ބައެއް. ހަރުދަނާ ބައެއް. އަޅުގަނޑުމެން އަޒުމާއި އީމާނުގައި އަބަދުވެސް އާރުލާން ޖެހޭނެ. ގައުމީ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ އަނެއް ކަމަކީ މިއީ. އަޅުގަނޑުމެން ތިބޭނީ އަޅުގަނޑުމެންގެ ދީނުގައި އަޅުގަނޑުމެންގެ ގައުމީ ސިޔާދަތާއި ގައުމުގެ މިނިވަންކަމާ އެކީގައިކަން،" ރައީސް ވިދާޅުވިއެވެ.