ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބާއްވައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ އެ ބައްދަލުވުން ބައްވާފައިވަނީ މިމަހުގެ 15 އިން 16 އއ. އުކުޅަހުގައެވެ.

ރާއްޖޭގެ އެނެސްތީސިއޮލޮޖިސްޓުންގެ ޖަމިއްޔާ (MAA) އާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގުޅިގެން ބޭއްވި އެ ކޮންފަރެންސްގައި ޖުމްލަ 220 ފަރާތެއް ބައިވެރިވިއެވެ.

އޭގެތެރެއިން ސާކްގެ އެކި ގައުމުތަކުން އެނެސްތީސިއޮލޮޖީ ދާއިރާގެ 190 ތަޖުރިބާކާރުން ހިމެނެއެވެ. އެގޮތުން އިންޑިއާ، ޕާކިސްތާން، ބޫޓާން، ސްރީލަންކާ، ނޭޕާލް ފަދަ ގައުމުތަކުގެ ފާހަގަކޮށްލެވޭ ސްޕެޝަލިސްޓް ޑޮކްޓަރުން، ސިއްހީ ހިދުމަތްތެރިންނާއި ކީނޯޓް ސްޕީކާސް ބައިވެރިވިއެވެ.

15 އޮގަސްޓް 2026: ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން އއ. އުކުޅަހުގައި --- ފޮޓޯ/ ހެލްތް މިނިސްޓްރީ

އެ ކޮންފެރެންސްގައި ރާއްޖޭގައި އެނެސްތީސިއޮލޮޖީ ދާއިރާގައި ކިޔަވައި ދިނުމަށް ހުރި ފުރުސަތުތަކާއި ކްލިނިކަލް ތަޖުރިބާ އާއި ރިސާޗާއި މައުލޫމާތާއި ތަޖުރިބާތައް ހިއްސާކޮށް، މިދާއިރާ ތަރައްގީ ކުރުމަށް ގައުމުތައް ގުޅިގެން ކުރެވިދާނެ މުހިއްމު މަސައްކަތްތަކުގެ މައްޗަށް މައުލޫމާތު ބަދަލުކުރެވުނު ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ކޮންފްރެންސްގައި މި ރީޖަންގެ ސްޕެޝަލިސްޓުން އެދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ޕްރޮފެޝަނަލް ނެޓްވޯކްތައް ބިނާކުރުމާއި އެކި ގައުމުތަކުގެ ބެސްޓް ޕްރެކްޓިސްތައް ދެނެގަތުމާއި ފުރުސަތުތައް ހޯދުންވެސް ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ބުުންޏެެވެ.