ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރު އެޅި ސަރަހައްދުގައި ބަހެއްޓި ދެ ވަނަ ޕަމްޕު ސްޓޭޝަން ވެސް ބޭނުން ކުރަން ފަށައިފިއެވެ.

އެމްޓީސީސީން ވަނީ މަސްވެރިންގެ ޕާކުގައި ބެއްޓި ދެ ނަންބަރު ޕަމްޕު ސްޓޭޝަން މިދިޔަ ބުރާސްފަތި ދުވަހު ބޭނުން ކުރަން ފަށައިފައެވެ.

އެމްޓީސީސީން މިއަދު ބުނީ އެމްއެމްއޭ ސަރަހައްދުގައި ބަހައްޓާ ޕަމްޕު ސްޓޭޝަން (ސްޓޭޝަން 1) އިއްޔެ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނި ގޮތުގައި މޫސުމީ ބޯވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް، ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބަހެއްޓި މި ޕަމްޕު ސްޓޭޝަންތަކުގެ ސަބަބުން އެދެވޭ ހައްލެއް ލިބި، އެ ސަރަހައްދުގައި ފެން ހިންދުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

މިދިޔަ މަހު ނިންމައި ބޭނުންކުރަން ފެށި ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ފެން ހިންދާ ނިޒާމު ގާއިމުކުރުމާ ވެސް އެކުގައެވެ. އަދި އެ މަސައްކަތް މި މަހުގެ ނިޔަލަށް މުޅިން ނިމޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރު އެޅުމުގެ މަޝްރޫއުގެ ދަށުން އެ މަގުގެ ބާކީ ތަރައްގީނުކޮށް އޮތް ސަރަހައްދު ކަމަށްވާ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް ތާރުއަޅައިގެން މަގު ހެދުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް މިހާރު ވަނީ ޕްލޭންކޮށްފައެވެ.