އުފަންވިތާ ތިން ދުވަސްވީ ތުއްތު ކުއްޖަކު، އެ ކުއްޖާގެ މަންމަގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ތަހުގީގަށް، ގިނަ މައުލޫމާތު މިހާރު ލިބިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ރޭ ބުނެފިއެވެ.

އެ މައްސަލައިގައި ބަލައި ފާސްކުރުމުގެ އަމުރަކާ އެކު އެޗްއާރްސީއެމްއިން އިއްޔެ ވަނީ ޖެންޑާ މިނިސްޓްރީއަށް ވެސް ވަދެފައެވެ.

އެޗްއާރުސީއެމްގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި 21 އަދި 22 ވަނަ މާއްދާގެ ދަށުން ނެރުނު އެ ކޮމިޝަންގެ އަމުރުގައި އިއްޔެ ހެނދުނު 9:00 އިން މިއަދުގެ ނިޔަލަށް ބާރު ދީފައިވެއެވެ.

އެ ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބު "ވަން" އަށް ވިދާޅުވި ގޮތުގައި އެ މިނިސްޓްރީއަށް އެޗްއާރްސީއެމުން އިއްޔެ ވަދެފައިވަނީ އެ މައްސަލައާ ގުޅޭ މައުލޫމާތުތައް ސާފުކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކޮމިޝަނަށް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި ބޭނުންވާ ހުރިހާ މައުލޫމާތެއްވެސް އެ މިނިސްޓްރީން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެ މައްސަލައިގައި އެޗްއާރްސީއެމުން އެކްސްގައި ރޭގެ ވަގުތެއްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، މައްސަލައާ ގުޅުންހުރި އެންމެހައި މުއައްސަސާތަކާއި ހައްގު ގެއްލުނު ކަމަށް ބުނާ ފަރާތާއި މައްސަލައާ ގުޅުންހުރި އެހެނިހެން ފަރުދުންގެ ފަރާތުން ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެ ކޮމިޝަންގެ އިސް ޓީމެއް އެކި ތަންތަނަށް ޒިޔާރަތްކޮށް، މައްސަލައާ ގުޅޭ މުއައްސަސާތަކާއި ވަކިވަކި ފަރާތްތަކާ ބައްދަލުކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

"މިގޮތުން، ތަހުގީގަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް މިއަދު ވަނީ ހޯދާފައި. މި ޓީމުގެ މަސައްކަތްތައް މިރެއާއި މާދަމާވެސް ކުރިއަށްދާނެ" އެޗްއާރްސީއެމުން ބުންޏެވެ.

އެޗްއާރްސީއެމުން ވަނީ މި މައްސަލައިގައި ހިމެނޭ ކުއްޖާ އާއި ކުއްޖާގެ މަންމަގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

މި މައްސަލަ ފެންމަތިވީ، ވިހެއުމަށްފަހު ހޮސްޕިޓަލުގައި އޮއްވައި ދަރިފުޅު އަތުން އަތުލައި ދައުލަތަށް ގެންދިޔަ ކަމަށް ބުނެ، އުމުރުން 25 އަހަރުގެ މަންނަ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އެ މަންމަ ބުނެފައިވާ ގޮތުގައި، އޭނާގެ ހަށިގަނޑުގައި ހުރި ނުކުޅެދުންތެރި ކަމަކަށާއި ނަފުސާނީ ހާލަތަށް ރިއާޔަތްކޮށް، ދަރިފުޅު ބެލުމުގެ ގާބިލުކަން ނެތް ކަމަށް ނިންމައި ދައުލަތުން ވަނީ އޭނާގެ ހައްގުތަކަށް އަރައިގަނެފައެވެ.

ޖެންޑާ މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ކުއްޖާ ދައުލަތަށް ނެގުމުގައި އަމަލުކޮށްފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ކުއްޖަކު އާއިލާގެ ގާތުން ވަކިކުރަނީ، އެ ކުއްޖާގެ ރައްކާތެރިކަން އާއިލާގެ ތެރެއިން ކަށަވަރު ނުކުރެވޭނެ ފަދަ ހާލަތެއް އޮތް ނަމަ، އެކަނި ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަނުން އާއިލާއަށް ފޮނުވި ސިޓީގައިވާ ގޮތުން، ކައިވެނިން ބޭރުގައި ލިބުނު މި ކުއްޖާ ދައުލަތަށް ނަގަން ޖެހުނު ސަބަބުތަކުގެ ތެރޭގައި މަންމަގެ ދިރިއުޅުމުގެ މާހައުލާއި، ނަފުސާނީ ހާލަތުގެ އިތުރުން އަތުގެ ނުކުޅެދުންތެރިކަން ހިމެނެއެވެ. އަދި އާއިލާގެ ފަރާތުން ކުއްޖާއަށް އަޅާލާނެ އިތުރު ބަޔަކު ނެތުމަކީވެސް ކުއްޖާގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދުނު ކަމެއް ކަމަށެވެ.