ހުޅުމާލެ ފޭސް އެކެއްގައި ކުޑަކުއްޖަކު ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގު 12 ގުޅޭ ހަތަރުއަނގޮޅި ކަންމަތީގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓެއް ރޭ 10:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެ ތަނުން އެއް ސައިކަލު ދުއްވަން އިނީ 17 އަހަރުގެ ކުއްޖެއް ކަމަށެވެ. އެ އެކްސިޑެންޓުގައި އޭނާގެ ފަހަތުގައި އިން 18 އަހަރުގެ މީހާ އާއި އެކްސިޑެންޓުވި އަނެއް ސައިކަލު ދުއްވަން އިން 19 އަހަރުގެ މީހާއަށް ވެސް އަނިޔާވެފައިވެއެވެ.

އޮފިޝަލް ވިދާޅުވީ 18 އަހަރުގެ މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު 17 އަހަރުގެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި 19 އަހަރުގެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި އެކްސިޑެންޓުވި ދެވަނަ ސައިކަލު ދުއްވަން އިން 19 އަހަރުގެ މީހާއަކީ ވެސް ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.