ރިޕީޓުކޮށް އެއްކަމެއްގައި މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ހަދައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކޮންމެ ޕެޓިޝަނެއްގައި ހަމަވާންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުތުތަކުން ޝަރުތެއް އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީންް ދެންމެ ފާސްކޮށްފިއެވެ.
ޕެޓިޝަން ހުށަހެޅުމަށް މަޖިލީހުގައި ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރެއިން ގަވާއިދުގެ 1-257 ވަނަ މާއްދާގެ (ޅ) ގައިވާ ޝަރުތު އުނިކުރަން މަޖިލީހަށް މިއަދު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ.
މަޖިލިސް ގަވާއިދުގެ 1-257 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންގައި، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްގެންދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ހިމެނިފައި އޮވެގެންނުވާނެ ކަމަށެވެ.
މެންބަރު މަމްދޫހު ހުށަހަޅާފައިވާ މި މައްސަލަ މަޖިލިސް ތަޅުމުގައި އިއުލާން ކުރެއްވުމަށްފަހު އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމަން މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވިއެވެ.
އެކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ގަވާއިދުގައި ހިމެނޭ އެ ބައި އުނިކުރަން މެންބަރު މަމްދޫހު ހުށަހެޅި ހުށަހެޅުމަށް، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ބަދަލުގެންނަން ހުށަހެޅިއެވެ. އެއީ އެ މާއްދާ އުނިކުރުމަށްފަހު މާއްދާގައި ހިމެނޭ އެހެން އަކުރުތައް ތަރުތީބު ކުރުމެވެ.
އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއުއެވެ.
މި ހުށަހެޅުން ކޮމިޓީން ފާސްކުރީ އެ ބައްދަލުވުމުގައި ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ހުށަހެޅުން ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
މަޖިލިސް ގަވާދުގައި ހިމެނޭ ޕެޓިޝަނާބެހޭ މާއްދާއިން އަކުރެއް އުނިކޮށް ރިޕީޓުކޮށް އެއްކަމެއްގައި މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ފާސްކޮށްފައި މިވަނީ، އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދަން ގޮވާލާ ހުށަހެޅި ޕެޓިޝަނަށް މަޖިލިސް ތަޅުމުގައި ބަހުސް ކުރަންޖެހޭ ވަރަށް ސޮއި ހަމަވެފައި ވަނިކޮށް، އެ ބިލު އޮތްގޮތަށް މަޖިލީހުން ފާސްކޮށްދިނުމަށް ގޮވާލާ ޕެޓިޝަންގައި ސޮއިކުރަން ފަށާފައި ވަނިކޮށެވެ.
މި އިސްލާހު މަޖިލިސް ގަވާއިދަށް ނުގެނައިނަމަ، އެ ބިލް ފާސްކުރަން ގޮވާލި ޕެޓިޝަނަށް ސޮއި ހަަމަވިއަސް މަޖިލީހަކަށް ނުވެއްދުނީހެވެ. އެއީ އެ ދެ ޕެޓިޝަނަކީ އެއް މައްސަލައަކާ ގުޅޭ ދެ ޕެޓީޝަނަށް ވުމުންނެވެ.
ނަމަވެސް މަޖިލިސް ގަވާއިދަށް މި ގެނައި އިސްލާހާ ގުޅިގެން ބިލް ފާސްކުރަން ގޮވާލާ ހުށަހެޅި ޕެޓީޝަން ވެސް ސޮއި ހަމަވުމުން މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
އެ ބިލު އަނބުރާ ގެންދަން ގޮވާލައި ހުށަހެޅި ޕެޓިޝަނަށް ބޭނުންވާ ވަރަށް ސޮއި ލިބިފައިވުމުން އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހު ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް އެޖެންޑާ ކުރުމަށް މަޖިލިސް ރައީސްގެ ސަމާލު ކަމަށް ގެންނަން ޕެޓިޝަން ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް