ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް 2030 ވަނަ އަހަރު އަންނަންވާއިރަށް ދިވެހި ރުފިޔާއަށް ބަދަލުކުރުމަކީ އަމާޒެެެއް ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ޑޮލަރުގެ މައްސަލައާ ގުޅިގެން އިދާރާތަކުން ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރާއްޖޭގައި ހިންގާ ހުރިހާ މުއާމަލާތެއް ހިންގަން ޖެހޭނީ ރުފިޔާއިން ކަމަށް ހެދުމަކީ ހުރިހާ ގަވަރުނަރުންވެސް ގެންގުޅުއްވި ވިޝަނެއް ކަމަށެވެ.
މުނައްވަރު ވިދާޅުވީ، މަނިޓަރީ ޕޮލިސީ އުފެދިގެންދާނީވެސް ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރުކުރެވިގެން ކަމަށާއި ރާއްޖޭގައި ދިވެހި ރުފިޔާ ބޭނުން ނުކުރާ ނަމަ އެމްއެމްއޭ އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އެމްއެމްއޭގެ މައިގަނޑު އަސާސަކީވެސް ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑު އިތުރުކުރުން ކަމަށް ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ، ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް މިހާރު އޮތް އޮތުން 40 ޕަސަންޓަށް އިތުރުކުރަން ސަރުކާރުގެ އިދާރާތަކާއި ޓޫރިޒަމްގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށާއި އެ ނިންމުން ނިންމީ "ހުރެބަހައްޓާފައިި" ނޫން ކަމަށެވެ.
"އަޅުގަނޑުމެން ފުރަތަމަ އަޖުމަ ބެލުމަށް 20 ޕަސަންޓުން ފެށީ. އެހެންވީމާ މިހާރު އަޅުގަނޑުމެންގެ ވިޝަންއަކީ 2030އާ ހިސާބަށް 100 ޕަސަންޓު ދިވެހި ރުފިޔާއިން ހުރިހާ އެއްޗެއް މާރުކުރެވިގެންދާންޖެހޭނެ. ދިވެހިރާއްޖޭގައި މިސާލަކަށް ބޭރުގެ ފަތުރުވެރިޔަކު އައިކަމުގައިވީ ނަމަވެސް އޭނަވެސް ހަމަ ކައުންޓަރު ދޮށަށް ގޮސް ދިވެހި ރުފިޔާ ހަމަ ނަގާނީ" މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު އިތުރަށް ވިދާޅުވީ، ރާއްޖެ ވާން ޖެހޭނީ ދިވެހި ރުފިޔާއިން ހުރިހާ މުއާމަލާތްތަކެއް ހިންގާ ގައުމަކަށް ކަމަށާއި މުސާރަތައް ވެސް ދިވެހި ރުފިޔާއިން ދޭ ގޮތަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.
އަލީ ޔާމިން
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ