ޑޮލަރު މާރުކުރާ ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް ސީދާ ގޮތެއްގައި ފައިދާ ލިބިގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބޭރު ފައިސާއާ ބެހޭ ބިލު ތަސްދީގުކުރުމުގެ ރަސްމިއްޔާތައްފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ ބައެއް ވިޔަފާރިވެރިން، ދައްކަންޖެހޭ 40 ޕަސަންޓް ކުޑަކުރުމަށް އާމްދަނީ ކުޑަކަމަށް ދައްކައި ހިސާބުތައް ހަދައި ފޮނުވާނެކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ހިސާބު އޮޅުވާލުމުގެ ފުރުސަތު ނުލިބޭ ވަރަށް، ސަރުކާރަށް ބޭނުންވާ މައުލޫމާތު ލިބޭ ނިޒާމެއް ގާއިމުކުރާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރިސޯޓަކަށް 40 ޕަސަންޓް ޑޮލަރު މާރުނުކުރެވި ނުހުންނާނެ ކަމަށެވެ.

"އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާ އެކު ދަންނަވާލަން ބޭނުން ރިސޯޓުތަކުން 40 އިންސައްތަ މާރު ކުރުމަކަށް އެއްވެސް ދަތިކަމެއް ނޯންނާނެކަން އަޅުގަނޑުމެންނަށް ޔަގީންކަމާ އެކު އެނގޭ. ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް ނޫނީ މުވައްޒަފުންނަށް މުސާރަ ދިނުމަށް ނުވަތަ އޮޕަރޭޝަނަލް އެކްސްޕެންސްތަކަށް އެއްވެސް ދައްޗެއް ނުވާނެ 40 އިންސައްތަ މާރުކޮށްގެން. އެއީ ޔަގީން ކަމެއް،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަމާޒަކީ މި އިސްލާހު ގާނޫނަކަށް ވެގެން ދިޔުމުން މީގެ ފައިދާ ސީދާ ރައްޔިތުންނަށް ލިބިގެން ދިއުން،"

ރައީސް ވިދާޅުވީ މީގެކުރިން ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އުސޫލު އުވާލައި، މާދަމާއިން ފެށިގެން ޖުމްލަ އާމްދަނީގެ 40 ޕަސަންޓް ބޭންކުތަކަށް މާރުކުރަން ލާޒިމުވާނެ ކަމަށެވެ.

"ޑޮލަރުން މުސާރަ ލިބޭ އެއްވެސް ފަރާތެއްގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނެ. ގެންނަން ޖެހޭ ސަބަބެއްވެސް ނެތް. އެ ފަރާތްތަކަށް ލިބޭ މުސާރަ ދެމުން ދާންވާނީ،" ރައީސް ވިދާޅުވިއެވެ.

"މިކަމުގައި ސަރުކާރުން ވަރަށް ސާބިތުކަމާ އެކު ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ފަޅީގައި ތިބެގެން ކުރިއަށް ދާނެ." ރައީސް ވިދާޅުވިއެވެ.

ނަމަވެސް، ގެސްޓްހައުސްތަކަށާއި (ކެޓަގަރީ ބީ) ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެއްވެސް ދިވެއްސަކަށް މިހާރު ގާނޫނުގައި ކަނޑައެޅިފައިވާ މިންވަރަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން 5.6 ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް، ރާއްޖޭގެ ބޭންކުތަކަށް ވަދެފައިވަނީ އޭގެ ތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރު ކަމަށެވެ. އަދި އޭގެ ތެރެއިން މާރުކުރެވުނީ އެންމެ 21 ޕަސަންޓް ކަމަށެވެ.

ރައީސް ވިދާޅުވީ، މިއަދު ތަސްދީގުކުރެވުނު އިސްލާހުގެ ސަބަބުން ދައުލަތަށް ލިބޭ ބޭރު ފައިސާ އިތުރުވެ، އެމްއެމްއޭ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށާއި، ވިޔަފާރިވެރިންނަށް ޓީޓީ ހެދުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

ވިޔަފާރިވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެ ނިންމުމަކީ އެމްއެމްއޭއާއި ކަމާ ގުޅުންހުރި ވުޒާރާތަކުން ފުރިހަމަ ދިރާސާތަކެއް ކުރުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

"ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް، ނުވަތަ މުވައްޒަފުންނަށް މުސާރަ ދިނުމަށް، ނުވަތަ އޮޕަރޭޝަނަލް ހަރަދުތަކަށް އެއްވެސް ދައްޗެއް ނުވާނެ ސާޅީސް އިންސައްތަ މާރުކޮށްގެން. އެއީ ޔަގީންކަމެއް،" ރައީސް ވިދާޅުވިއެވެ.