ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ރިސޯޓުތަކުން ލިބޭ އާމްދަނީގެ 40 ޕަސަންޓް ރާއްޖޭގެ ބޭންކިން ނިޒާމުތަކަށް މާރުކުރި ނަމަވެސް، ރިސޯޓުތައް ގެއްލުން ނުވާނެކަން ހިސާބުންތަކުން އެނގޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބޭރު ފައިސާއާ ބެހޭ ބިލު ތަސްދީގުކުރުމުގެ ރަސްމިއްޔާތައްފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ ބައެއް ވިޔަފާރިވެރިން، ދައްކަންޖެހޭ 40 ޕަސަންޓް ކުޑަކުރުމަށް އާމްދަނީ ކުޑަކަމަށް ދައްކައި ހިސާބުތައް ހަދައި ފޮނުވާނެކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ހިސާބު އޮޅުވާލުމުގެ ފުރުސަތު ނުލިބޭ ވަރަށް، ސަރުކާރަށް ބޭނުންވާ މައުލޫމާތު ލިބޭ ނިޒާމެއް ގާއިމުކުރާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރިސޯޓަކަށް 40 ޕަސަންޓް ޑޮލަރު މާރުނުކުރެވި ނުހުންނާނެ ކަމަށެވެ.

"އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާ އެކު ދަންނަވާލަން ބޭނުން ރިސޯޓުތަކުން 40 އިންސައްތަ މާރު ކުރުމަކަށް އެއްވެސް ދަތިކަމެއް ނޯންނާނެކަން އަޅުގަނޑުމެންނަށް ޔަގީންކަމާ އެކު އެނގޭ. ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް ނޫނީ މުވައްޒަފުންނަށް މުސާރަ ދިނުމަށް ނުވަތަ އޮޕަރޭޝަނަލް އެކްސްޕެންސްތަކަށް އެއްވެސް ދައްޗެއް ނުވާނެ 40 އިންސައްތަ މާރުކޮށްގެން. އެއީ ޔަގީން ކަމެއް،" ރައީސް ވިދާޅުވިއެވެ.

ޑޮލަރު ދައުލަތަށް މާރުކުރުމުގެ ބަދަލުގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަށާއި، ބްލެކް މާކެޓްގައި ޑޮލަރުގެ އަގު ބޮޑުކުރާނެކަމަށް ބައެއް ވިޔަފާރިވެރިން ސަރުކާރަށް ބިރު ދައްކާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މިކަމާ އުޅެން ފެށީމައި ބައެއް ބޭފުޅުން ދެންނެވި، ބަޖެޓު ކުޑަކުރާށޭ. ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުން ހުއްޓާލާށޭ. އަޅުގަނޑު އަތުގައި މެސެޖު އެބަހުރި. ރައްޔިތުންނަށް ތަރައްގީ ގެންނަން ބަޖެޓް ބޮޑުކުރަންޏާ، ބްލެކް މާކެޓްގައި ޑޮލަރު އަގު ބޮޑުކުރާނެއޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރިސޯޓްތަކަކީ ދިވެހި ދައުލަތުގެ ތަކެތި ކަމަށާއި، ދައުލަތުގެ ބިންތަކުގައި ހިންގާ ވިޔަފާރިތަކުން ލިބޭ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބެން ޖެހޭ ކަމަށެވެ.