ކަޅު ބާޒާރުގައި މިހާރު ޑޮލަރުގެ އަގު ދަށްވާން ފަށާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބޭރު ފައިސާއާ ބެހޭ ބިލު ތަސްދީގުކުރުމުގެ ރަސްމިއްޔާތައްފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ "ސަރުކާރުން މި ފިޔަވަޅުތައް އަޅާނެކަން އިއުލާނުކުރުމާ ހިސާބުން ފެށިގެންވެސް، އަދި މިއަދު މި ކިރިޔާ މިބިލު ތަސްދީގު ކުރެވުނީ މި ބޭރުފައިސާއާ ބެހޭ ބިލު. މިހާރުވެސް ކަޅު ބާޒާރުގަ ބޭރުފައިސާ ރޭޓު ދަށްވަމުން އެބަ ދޭ" ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ރިސޯޓުތަކުން ބްލެކް މާކެޓުގައި މިލިއަނުން ޑޮލަރު މާރުކުރާ ކަމަށާއި، އެގޮތަށް ބެލްކް މާކެޓުގައި ޑޮލަރު މާރު ކުރެވެނީ ރިސޯޓުތަކުގައި އިތުރު ޑޮލަރު ހުރުމުގެ ސަބަބުން ކަމަށެވެ.

"މިހާރު ވެސް އެބަ ފެނޭ، ނޫސްތަކުން ވެސް އެބަ ފެނޭ އަދި އެހެން ގޮތްގޮތުން ވެސް އެނަ އެނގޭ ކަޅު ބާޒާރުގައި ބޮޑު އަގުގައި ހަމަ ބައެއް ފަރާތްތަކުން މާރުކުރަމުން އެބަދޭ. ޔަގީނުންވެސް ފައިސާ އެކްސެސްކޮށް ހުރީމަ އެކަން ކުރާނީ. ދެން އެހެން ނޫނަސް ހިސާބުކިތާބުތަކުން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް 40 އިންސައްތަ މާރުކުރުމަކީ އެއްވެސް ރިސޯޓަކަށް ދަތިވާނެ ކަމެއް ނޫންކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައެއް ވިޔަފާރިވެރިން، ދައްކަންޖެހޭ 40 ޕަސަންޓް ކުޑަކުރުމަށް އާމްދަނީ ކުޑަކަމަށް ދައްކައި ހިސާބުތައް ހަދައި ފޮނުވާނެކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ހިސާބު އޮޅުވާލުމުގެ ފުރުސަތު ނުލިބޭ ވަރަށް، ސަރުކާރަށް ބޭނުންވާ މައުލޫމާތު ލިބޭ ނިޒާމެއް ގާއިމުކުރާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ދެން ބައެއް ފަރާތްތަކުން އެބަ ބުނޭ ދެން އާމްދަނީ ނުލިބޭކަމަށް ހިސާބުކިތާބު ހަދާފައި ފޮނުވާނީއޭ. މަކަރު ހަދަން، ދޮގު ހަދަންވެސް މަސައްކަތްކުރެވިދާނެ. އެކަންވެސް ހުއްޓުވޭނެ ނިޒާމުތައް މިއަދުގެ ބިލުތަކުންވެސް އައިސްފި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓޫރިސްޓުން ރާއްޖެއަށް އައިސް ތިބޭ ތަންތަނުގެ ސާފު މައުލޫމާތު އެނގޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

"ރާއްޖެއަށް ޓޫރިސްޓަކު އެތެރެވާ ހިސާބުން އެ ޓޫރިސްޓު އައި ކަމާއި އޭނާ ދިޔަ ތަނާއި އޭނާ ނިދީ ކޮން ތަނެއްގައި ކަމާއި އޭނާ ފުރައިފިކަން އެނގޭނެ ނިޒާމު، މީގެ އެއް މަސް ފަހުން ރަސްމީކޮށް އަޅުގަނޑުމެންގެ ސިސްޓަމްތަކުން ފެންނަން ފަށާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ޓޫރިޒަމް ވިޔަފާރިން ވަކި ބަޔަކު މުއްސަނދިވެ، ދެން ތިބި ރައްޔިތުން ތަކުލީފުގައި ދިރިއުޅެން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ.

"މި ސަރުކާރުން ހައްގު ގާއިމުކުރުމުގައި ވަރަށް ސާބިތުވާނެ. އަދުލު އިންސާފު ގާއިމުކުރުމުގައި ވަކި މީހަކަށް ނުބަލާނަން. ތަފާތެއް ނުކުރާނަން. ކީއްވެގެން ވަކި ބަޔަކު މުއްސަނދިވެފައި އެހެން އެންމެން ސަފާކުރަން ޖެހޭނީ. ނުޖެހޭނެ،" ރައީސް ވިދާޅުވިއެވެ.