ޓޫރިސްޓުން ރާއްޖެއަށް އައިސް ތިބޭ ތަންތަނުގެ ސާފު މައުލޫމާތު އެނގޭނެ ނިޒާމެއް ގާއިމުކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ބޭރު ފައިސާއާ ބެހޭ ބިލު ތަސްދީގުކުރުމުގެ ރަސްމިއްޔާތައްފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ ބައެއް ވިޔަފާރިވެރިން، ދައްކަންޖެހޭ 40 ޕަސަންޓް ކުޑަކުރުމަށް އާމްދަނީ ކުޑަކަމަށް ދައްކައި ހިސާބުތައް ހަދައި ފޮނުވާނެކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ހިސާބު އޮޅުވާލުމުގެ ފުރުސަތު ނުލިބޭ ވަރަށް، ސަރުކާރަށް ބޭނުންވާ މައުލޫމާތު ލިބޭ ނިޒާމެއް ގާއިމުކުރާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ދެން ބައެއް ފަރާތްތަކުން އެބަ ބުނޭ ދެން އާމްދަނީ ނުލިބޭކަމަށް ހިސާބުކިތާބު ހަދާފައި ފޮނުވާނީއޭ. މަކަރު ހަދަން، ދޮގު ހަދަންވެސް މަސައްކަތްކުރެވިދާނެ. އެކަންވެސް ހުއްޓުވޭނެ ނިޒާމުތައް މިއަދުގެ ބިލުތަކުންވެސް އައިސްފި،" ރައީސް ވިދާޅުވިއެވެ.
"ރާއްޖެއަށް ޓޫރިސްޓަކު އެތެރެވާ ހިސާބުން އެ ޓޫރިސްޓު އައި ކަމާއި އޭނާ ދިޔަ ތަނާއި އޭނާ ނިދީ ކޮން ތަނެއްގައި ކަމާއި އޭނާ ފުރައިފިކަން އެނގޭނެ ނިޒާމު، މީގެ އެއް މަސް ފަހުން ރަސްމީކޮށް އަޅުގަނޑުމެންގެ ސިސްޓަމްތަކުން ފެންނަން ފަށާނެ،"
ރައީސް ވަނީ ޓޫރިޒަމް ވިޔަފާރިން ވަކި ބަޔަކު މުއްސަނދިވެ، ދެން ތިބި ރައްޔިތުން ތަކުލީފުގައި ދިރިއުޅެން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ.
"މި ސަރުކާރުން ހައްގު ގާއިމުކުރުމުގައި ވަރަށް ސާބިތުވާނެ. އަދުލު އިންސާފު ގާއިމުކުރުމުގައި ވަކި މީހަކަށް ނުބަލާނަން. ތަފާތެއް ނުކުރާނަން. ކީއްވެގެން ވަކި ބަޔަކު މުއްސަނދިވެފައި އެހެން އެންމެން ސަފާކުރަން ޖެހޭނީ. ނުޖެހޭނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޑޮލަރު ދައުލަތަށް މާރުކުރުމުގެ ބަދަލުގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަށާއި، ބްލެކް މާކެޓްގައި ޑޮލަރުގެ އަގު ބޮޑުކުރާނެކަމަށް ބައެއް ވިޔަފާރިވެރިން ސަރުކާރަށް ބިރު ދައްކާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މިކަމާ އުޅެން ފެށީމައި ބައެއް ބޭފުޅުން ދެންނެވި، ބަޖެޓު ކުޑަކުރާށޭ. ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުން ހުއްޓާލާށޭ. އަޅުގަނޑު އަތުގައި މެސެޖު އެބަހުރި. ރައްޔިތުންނަށް ތަރައްގީ ގެންނަން ބަޖެޓް ބޮޑުކުރަންޏާ، ބްލެކް މާކެޓްގައި ޑޮލަރު އަގު ބޮޑުކުރާނެއޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރިސޯޓަކަށް 40 ޕަސަންޓް ޑޮލަރު މާރުނުކުރެވި ނުހުންނާނެ ކަމަށެވެ
"ރާއްޖޭގެ އެއްވެސް ރިސޯޓެއް ނޯންނާނެ މި 40 އިންސައްތަ މާރު ނުކުރެވޭ. ހަމަ ލޯނު ދައްކާފައި، މުވައްޒަފުންނަށް މުސާރަ ދީފައި، ހަރަދުތައް ދައްކާފައި، ދުވަހު އޮޕަރޭޝަންތައް ހިންގަމުން ދެއްކޭނެ މި ވަރު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރިސޯޓްތަކަކީ ދިވެހި ދައުލަތުގެ ތަކެތި ކަމަށާއި، ދައުލަތުގެ ބިންތަކުގައި ހިންގާ ވިޔަފާރިތަކުން ލިބޭ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބެން ޖެހޭ ކަމަށެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް