ޓޫރިޒަމް އެޑްވައިޒަރުގެ މުހައްމަދު ހަލީލް އިސްތިއުފާ ދެއްވިކަމުގެ ސިޓީ ލިބިވަޑައިގެންފައިނުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބޭރު ފައިސާއާ ބެހޭ ބިލު ތަސްދީގުކުރުމުގެ ރަސްމިއްޔާތައްފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ "މިތަނަށް ސިޓީއެއް އަދި އައިސްފައެއް ނެތް. އަޅުގަނޑު މިއަދު ބަލާލިން. ރަސްމީކޮށް ރައީސް އޮފީހަށް ސިޓީއެއް ނާދޭ" ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނަށް ހަލީލުގެ ފަރާތުން މެސެޖެއް ލިބުނު ކަމަށެވެ. އެ މެސެޖުގައި މަގާމުން ވަކިވާ ވާހަކަ ހަލީލު ދެންނެވިކަމަށް ރައީސް ވިދާޅުވިއެވެ.

ހަލީލުގެ ނިންމެވުމަކީ ހަލީލުގެ އަމިއްލަ ނިންމެވުމެއް ކަމަށާއި، އެކަމަށް އިހުތިރާމް ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ހަލީލު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގައެވެ. އޭނާ އިސްތިއުފާ ދެއްވިކަން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ކަށަވަރުކޮށްދެއްވި ނަަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.